މަގާމުގައި ހަ މަސް، އެޗްޑީސީގެ އެމްޑީކަމުން މައުރޫފް އިސްތިއުފާދެއްވައިފި
ރިޓަޔާކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި, އަދި އެޗްޑީސީގެ ފުރަތަމަ އުފައްދައިގެން އިސްކޮށް އުޅުއްވި މައުރޫފާ މި ސަރުކާރުން އެ ކުންފުނި ހަވާލުކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި މައުރޫފް މިއަދު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، އޭނާ ފޯނަށް ޖަވާބުނުދެއްވާތީ އިސްތިއުފާއާ ބެހޭ އިތުރު މައުލޫމާތެއް ނޭނގެއެވެ. މަގާމާ ހަވާލުވިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމެވިކަން ނޫސްތަކަށް އެރީ މި މަހު ހަތްވަނަ ދުވަހެވެ. އެ ދުވަހު އެ ވާހަކަ ނޫސްތަކުގައި ރިޕޯޓުކުރުމުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މަގާމާ ހަވާލުވީ ގިނަ ދުވަހު މަސައްކަތްކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި އެކަމަކު މަސައްކަތަށް އޮތް ޝައުގަކާއި ހާސިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުރުމުން ހަވާލުވީ ކަމަށެވެ. https://sun.mv/208318 އަދި، އެޗްޑީސީގެ އެމްޑީގެ މަގާމުން ވަކިވެ، ރިޓަޔާކުރެއްވި ނަމަވެސް އެޑްވައިޒަރީ މަގާމެއްގައި ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަމާނާތްތެރި ހިންގުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައުރޫފާ އެޗްޑީސީ ހަވާލު ކުރީ މި ސަރުކާރުގައި ފުރަތަމަ އެ މަގާމަށް ވަޒީރެއްގެ ފެންވަރުގައި އައްޔަންކުރެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ވަރަށް ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްސަލަ ބަލަން ފެށުމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މައުރޫފަކީ އާކިޓެކްޓެއްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ދިރާސާ ވެސް ކުރައްވާ ބޭފުޅެކެެވެ. އޭނާ އެ ދާއިރާއިން ފޮތްތައް ވެސް ލިޔުއްވާފައިވެއެވެ. ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އޭނާވަނީ މުހިންމު ދައުރެއް އެ ކަމުގައި އަދައިކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ