ޕެރިސް މާސްޓާސް ކާމިޔާބުކޮށް ސިނާ އަލުން ދުނިޔޭގެ އެއް ވަނަ އަށް ޕެރިސް މާސްޓާސް ކާމިޔާބުކޮށް ސިނާ އަލުން ދުނިޔޭގެ އެއް ވަނަ އަށް

ޕެރިސް (ނޮވެމްބަރު 3) - ޕެރިސް މާސްޓާސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އިޓަލީގެ މަޝްހޫރު ޓެނިސް ތަރި، ޖަނިކް ސިނާ، ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.
ސިނާ، 24، ގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޕެރިސް މާސްޓާސްގެ ޗެމްޕިއަންކަން ހޯދި މި ފަަހަރުގެ ފައިނަލުގައި، ކެނަޑާގެ ފެލިކްސް އޯގާ-އަލިއަސީމޭ އަތުން 6-4 7-6 (7-4) އިން މޮޅުވެގެންނެވެ. މި މެޗުން މޮޅުވެ، އިންޑޯ ހާޑު ކޯޓުގައި ސިނާގެ މޮޅުވުމުގެ ސިލްސިލާ ވަނީ 26 މެޗަށް ދައްމާލައިފަ އެވެ. އެންމެ ފަހުން އޭނާ އިންޑޯ ހާޑް ކޯޓުގައި ކުޅުނު މެޗަކުން ބަލިވީ 2023 ވަނަ އަހަރު އެވެ.
ފާއިތުވި 35 އަހަރު ތެރޭގައި ސިނާ އަކީ ޕެރިސް މާސްޓާސްގެ ތަށި، ސެޓެއް ވެސް ނުގެއްލި ކާމިޔާބުކުރި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.
ޕެރިސް މާސްޓާސްގެ މި ކާމިޔާބާ އެކު، ސިނާ އަށް މި ވަނީ އޭނާގެ އެންމެ ވާދަވެރި، ސްޕެއިނުގެ ކާލޯސް އަލްކަރާޒަށް ވުރެން 250 ޕޮއިންޓް އިތުރަށް ލިބި، ދުނިޔޭގެ ރޭންކިންގެ އެއް ވަނައިން ޖާގަ ލިބިފަ އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮވެ، އަހަރު ނިންމާނެ ކުޅުންތެރިއެއް ކަށަވަރުވާނީ މި މަހު ނުވަ ވަނަ ދުވަހު ފަށާ އޭޓީޕީ ފައިނަލްސް އިންނެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި ސިނާ، 65 ހަފްތާ ވަންދެން އޮތުމަށް ފަހު، އެ މަގާމު ގެއްލުނީ، އަލްކަރާޒް އަތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ޔޫއެސް އޯޕަން ފައިނަލުން ބަލިވުމުންނެވެ. ކެރިއަރުގައި މިހާތަނަށް، ޖުމްލަ އެކު، 25 ތަށި ހޯދާފައިވާ ސިނާ ވަނީ މި އަހަރު ފަސް ތަށި ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ