ރައީސްގެ ނިންމެވުމާއެކު، އަދުލުއިންސާފު ގާއިމްކުރުމުގެ މަސައްކަތް ހަލުވިވާނެ: ސުޕްރީމް ކޯޓު

ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ޚަރަދުކުރާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އަދުލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ހަލުވިވާނެކަމަށް، ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ. ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި އެ ކޯޓުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ނިންމެވުން ހިމެނެނީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ޓަކައި ނިންމެވި ތާރީޚީ ނިންމެވުމެއްގެ ގޮތުގައި ކަމަށެވެ. "މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ އަދުލުއިންސާފު ޤާއިމްކުރުމުގެ މަސައްކަތްޕުޅު އިތުރު ހަލުވިކަމެއް އަންނާނެކަމަށް އުއްމީދުކުރަމެވެ." ސުޕްރީމް ކޯޓުގެ ޕޯސްޓުގައިވެއެވެ. ދައުލަތުގެ ބަޖެޓުން މިހާރު ދޭ ވަރަށް ވުރެ އިތުރުން ހިލޭ އެހީގެ ގޮތުގައި ފައިސާ ދޭން ނިންމެވިކަން ހާމަކުރައްވައި މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށެވެ. https://sun.mv/211158 އެހެންކަމުން އެކަމަށް މަގުފަހިކުރުމަށް ޓަކައި މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބޭނެ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ އެގޮތަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން ކުރެއްވުމަށް ޓަކައި ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓު ނުވަތަ ހިލޭ އެހީގެ ގޮތުގައި ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ފައިސާ ޚަރަދު ކުރާނީ ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައި. މިކަމަށްޓަކައި ގާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި," ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދުފުޅެކެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވަނީ އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވައި އެ ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑްކޮށް, އެންމެ ފަހުން ވަކިކުރި ގޮތުން މަޖިލީހާއި ޖޭއެސްސީ މެދުވެރިކޮށް ސަރުކާރުން ޝަރުއީ ދާއިރާއަށް ސީދާ އެތައް ނުފޫޒެއް ފޯރުވާކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަދި މީގެ ކުރިން ފަނޑިޔާރުކަން ކުރައްވާފައި ނުވާ, އަދި ޕީއެންސީގެ އިސް އެކްޓްވިސްޓަކަށް އުޅުއްވި ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމުމާއެކު ވެސް އެ ފާޑުކިޔުންތައް ބޮޑުވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ މެންބަރަކު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ