މެޓާ އޭއައިއިން ދީޕިކާގެ އަޑު

ދާދި ފަހުން އިންޑިއާގެ ފުރަތަމަ މެންޓަލް ހެލްތު އެމްބެސެޑަރުކަން ވެސް ލިބުނު ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން އެމެރިކާގެ ކުންފުނި މެޓާ އޭއައި އެސިސްޓެންޓްގެ އާ އަޑަކަށް ހަމަޖައްސައިފިއެވެ. ދީޕިކާ ވަނީ މެޓާ އޭއައި އެސިސްޓެންޓްގެ އާ އަޑަކަށް އޭނާގެ އަޑު ބޭނުންކުރަން ހަމަޖެހިފައިވާކަން އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. ދީޕިކާއަކީ މެޓާ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމްއިން އޭއައި އެސިސްޓެންޓްގެ ގޮތުގައި ބޭނުންކުރާ އިންޑިއާގެ ފުރަތަމަ ސެލެބްރިޓީއެވެ. އިންސްޓަގްރާމްގައި ހިއްސާކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި ދީޕިކާ ވަނީ ބަތަލާގެ އަޑު އޭއައި މެދުވެރިކޮށް އަޑު އިވޭނެ ގޮތުގެ ރިކޯޑިން ހިމެނޭ ވީޑިއޯއެއް ވެސް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/އިންސްޓަގްރާމް މި ވީޑިއޯގައި ބަތަލާ ފެންނާނީ އަޑު ރިކޯޑުކުރަން ސްޓޫޑިއޯއެއްގައި ހަރަކާތްތެރިވާ މަންޒަރެވެ. ދީޕިކާއަކީ މިހާރު މެޓާ އޭއައިގެ މުހިންމު ހިއްސާއެއް ކަމަށާއި ޗެޓް ކުރާއިރު ދީޕިކާގެ އަޑު އިނގިރޭސިބަހުން އިންޑިއާ، އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ އަދި ނިއު ޒިލޭންޑްގައި އޭއައި އެސިސްޓެންޓްގެ ޚިދުމަތް ހޯދާ މީހުންނަށް އިވޭނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެއީ، ވަރަށް މަޖާ ކޫލް ކަމެއްގެ ގޮތުގައި ބަތަލާ ވަނީ ސިފަކޮށްފައެވެ. ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭ ހިމެނޭ ދީޕިކާ ޕަދުކޯންއަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ވެސް ފާހަގަކޮށްލެވޭ ފިލްމީ ތަރިއެކެވެ. އެގޮތުން، ދީޕިކާއަކީ ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ފިލްމު "ޖަވާން" އަދި "ޕަތާން"ގެ ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ ޝާހްރުކް ޚާންއާ އެކު މަސައްކަތް ފަށާފައިވާ "ކިންގް" އަދި ޑައިރެކްޓަރު އެޓްލީއާ އެކު ސޮއިކޮށްފައިވާ ފިލްމެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ