ޣައްޒާފީގެ ދަރިކަލުން 11 މިލިއަން ޑޮލަރު ދައްކާ ގޮތަށް ކަފާލާތުގެ ދަށުން މިނިވަން ކުރަން އަމުރުކޮށްފި
ޝަރީއަތް ނުފަށައި، ގާތްގަނޑަކަށް ދިހަ އަހަރު ވަންދެން ބަންދުގައި ބެހެއްޓި، އަވަހާރަވެފައިވާ ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ޣައްޒާފީގެ އެންމެ ހަގު ދަރިކަލުން ހަނިބަލް ޣައްޒާފީ 11 މިލިއަން ޑޮލަރު ދައްކާ ގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ލުބުނާނުގެ ގާޒީއަކު އަމުރުކޮށްފިއެވެ. ހަނިބަލް ހައްޔަރުކުރީ ލުބުނާނުގެ އިޙުތިރާމް ލިބިގެންވާ ޝިޔައީ ލީޑަރު މޫސާ އަލް ސަދުރު ރަހީނުކޮށް ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ކަމަށް ބުނެއެވެ. "އެއްވެސް ސަބަބަކާ ނުލައި ބަންދުކުރުމުގެ މައްސަލައެއްގައި ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ކަފާލާތަށް ގޮންޖަހާނަން." ކޯޓުގެ ނިންމުމާ ގުޅިގެން ހަނިބަލްގެ ވަކީލު ލައުރެންޓް ބަޔޮން ވިދާޅުވިއެވެ. ހަނިބަލް ފުރުން މަނާކޮށްފައިވާއިރު، އޭނާއަށް އަޅާފައިވާ ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުބް ކާފާލާތަށް ދައްކަންޖެހޭ ފައިސާ ނުދެއްކޭނެ ކަމަށްވެސް ބަޔޮން ވިދާޅުވިއެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން 2015 ވަނަ އަހަރު ހަނިބަލް ހައްޔަރުކުރީ، 1978 ވަނަ އަހަރު ލީބިޔާގައި އަލް ސަދުރު ގެއްލުނު މައްސަލައިގެ މައުލޫމާތު ހިފެހެއްޓި ކަމަށް ތުހުމަތުކޮށްފައެވެ. ހަނިބަލްގެ ވަކީލު ވިދާޅުވާ ގޮތުގައި ހަނިބަލްގެ އުމުރަކީ 49 އަހަރު ކަމަށްވާއިރު އަލް ސަދުރު ގެއްލުނުއިރު، ހަނިބަލްގެ އުމުރަކީ އެންމެ ދެ އަހަރެވެ. އެ މައްސަލައިގައި މިހާތަނަށް ވެސް ޝަރީއަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. އަލް ސަދުރަކީ އޭރުގެ ލީބިޔާގެ ލީޑަރު މުއައްމަރު ޣައްޒާފީއާ ބައްދަލުކުރަން ދަތުރުކުރިއިރު، ލުބުނާނުގައި ފާހަގަކޮށްލެވޭ މަޝްހޫރު ޝަހުސިއްޔަތެކެވެ. ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އާ މިހާރު ގުޅުން އޮންނަ އަމާލް މޫވްމަންޓްގެ ބާނީ އަލް ސަދުރު އެ ދަތުރަށްފަހު، އެހީތެރިއަކާއި ނޫސްވެރިއަކާ އެކު ވަނީ ގެއްލިފައެވެ. އޭގެ ފަހުން އޭގެ ތެރެއިން އެއްވެސް މީހެއްގެ ޚަބަރެއް ނުވެއެވެ. އަލް ސަދުރު ގެއްލުމާ ގުޅިގެން އެކަމުގައި ރަސްމީކޮށް ރައީސް ޣައްޒާފީ ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރެވުނެވެ. އަލް ސަދުރު ގެއްލުނު ފަހުން ދެގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ