މެކްސިކޯގެ ރައީސަށް މަގުމަތިން ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބާމް މަގުމަތީގައި ރައްޔިތުންނާ ބައްދަލުކުރައްވަނިކޮށް، ފަހަތުން ގޮސް އެކަމަނާގެ ގަޔަށް އަތްލައި ބޮސްދޭން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ. ރިޔާސީ ގަނޑުވަރު ކައިރީގައި ހިނގި އެ ހާދިސާގެ ވީޑިއޯއިން ފެންނަނީ، ޝެއިންބާމް ބަޔަކާ ވާހަކަދައްކަވަން ހުންނަވަނިކޮށް، ފަހަތުން ފިރިހެނަކު ގޮސް، ހަށިގަނޑުގައި އަތްލައި، މޫނުގައި ބޮސްދޭން އުޅޭ މަންޒަރެވެ. އެ ވަގުތު ޝެއިންބާމް އޭނާގެ އަތުގައި ހިފައި، ހުއްޓުވައެވެ. އެ ސަރަހައްދުގައި ހުރި އޮފިޝަލަކު އެ މީހާ ހުއްޓުވީ އެހާ ހިސާބުންނެވެ. އެ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެމީހާގެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށް ޝެއިންބާމް ވަނީ ވިދާޅުވެފައެވެ. އެ ހާދިސާއަށްފަހު، ޝެއިންބާމް ވަނީ އެއީ ގައުމުގެ ހުރިހާ އަންހެނުން ވެސް ކުރިމަތިލާން ޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި، އެކަމާ ގުޅޭ ގާނޫނުތައް މުރާޖާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. "އަހަރެން މައްސަލަ ހުށަހަނާޅައިފިނަމަ، މެކްސިކޯގެ އެހެން އަންހެނުންނަށް ވާނީ ކިހިނެއް؟ ގައުމުގެ ރައީސާ މެދު އެ މީހުން އެހެން އަމަލުކުރާ ނަމަ އެހެން އަންހެނުންނާ މެދު ކަން ކުރާނީ ކިހިނެއް؟" ޝެއިންބަމް ވިދާޅުވިއެވެ. އެ ހާދިސާއާ ގުޅިގެން، ރައީސްގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެ ހާދިސާ ހިނގައިފައިވަނީ، މެކްސިކޯގެ މަގެއް މަތީގައި މޭޔަރެއްގެ ގަޔަށް ބަޑި ޖަހައި އަވަހާރަކޮށްލިތާ އެއް ދުވަސް ފަހުންނެވެ. މެކްސިކޯގައި 32 ފެޑެރަލް ޑިސްޓްރިކްޓް އޮންނައިރު ކޮންމެ ޑިސްޓްރިކްޓެއްގައި ވެސް އޮންނަނީ އަމިއްލަ ގާނޫނުލްއުގޫބާތެކެވެ. ހުރިހާ ސްޓޭޓެއްގައި ޖިންސީ ގޯނާ ކުރުމަކީ ކުށެއްގެ ގޮތުގައި ނުބަލައެވެ. އުމުރުން 15 އަހަރުން މަތީގެ މެކްސިކޯގެ އަންހެނުންގެ ތެރެއިން، ގާތްގަނޑަކަށް 70 ޕަސެންޓް އަންހެނުންނަށް ޖިންސީ ފުރައްސާރައިގެ މަދުވެގެން އެއް ހާދިސާ ކުރިމަތިވާ ކަމަށް އދ.ގެ ތަފާސްހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ