ސަރުކާރު ހިންގަމުންދަނީ ”ވައްކަން“ ކުރުމުގެ ނިޔަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހާރޫން ތުހުމަތުކުރައްވައިފިއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ މެމްބަރު ހާރޫންވަނީ ސަރުކާރުން ވައްކަމުގު އަމަލުތަކަށް އަރައިގަންނަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވައްކަން ކުރުމުގެ ފެށުމަކީ ރަސްމާލެ ޕްރޮޖެކްޓުކަމަށާއި އެ ކަން ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ފައިސާ ކައި ނިމުމަށްފަހު ދެން ކުރި މަސައްކަތްތަކަކީ ގައުމު ދަރަނިވެރިވެފައިވާކަމުގެ ވާހަކަތައް ދެއްކުމަށްފަހު 35 މިލިއަން ރުފިޔާ ދިނުމަށް ފަހު ޑްރޯންތަކެއް ގެނައުންކަމަށެވެ.
އޭނާ ވިދާޅުވީ، އެ ފައިސާއަށް ވީގޮތެއް ބަލާނެ ދުވަސް އަދި ރާއްޖޭގެ ރައްޔިތުން ދެކޭނެކަމަށާއި އެކަން ޔަގީންކުރައްވާކަމަށެވެ. ހާރޫން ވިދާޅުވީ، ގެނައި ޑްރޯންތަކުގެ ހަލާތަށް ބަލާއިރު ވިއްސާރަ ވެއްޖެ ހާލަތެއްގައި އެ ތަކެތީގެ ބޭނުން ނުހިފޭކަން ފެނިގެންދާކަމަށާއި ބާރަށް ވައިޖެހުނަސް އެ ޑްރޯންތައް ނުދުއްވޭކަމަށެވެ.
ހާރޫން ވިދާޅުވީ، ކަނޑުގަދަވިޔަސް އެތަކެތި ނުދުއްވޭކަމަށާއި އެފަދަ ތަކެތި ރާއްޖޭގައި ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަތަކުންވެސް ލިބެން ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ތަފާތުތަކެއް ނެތްކަމަށާއި ރައްޔިތުންނަށް އެތަކެތީގެ ބޭނުން ޖެހުމުން އެތަކެތި ނުދުވާކަމަށެވެ. އޭނާ ވިދާޅުވީ، އިސްތިގުލާލުގެ ވާހަކަތައް ދައްކާއިރު ޑްރޯންތައް ގެނައި ދުވަހުން ފެށިގެން އެތަކެއްޗާއިއެކު ދުއްވުމަށްޓަކައި އެ ވިއްކި ގައުމުން އައިސްފައިވާ ބޭރު ސިފަިއން އަދިވެސް ރާއްޖޭގައި ތިބިކަމަށެވެ.
އޭނާ ވިދާޅުވީ، ވައްކަން ކުރުމަށްޓަކައި އިތުރަށް ކުރެވިފައިވާ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބެންކުތަކާއި ހަވާލުކުރުމަށް އަންގައި އެމްއެމްއޭއިން ގަވައިދެއް ނެރިފައިވުން ފާހަގަކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ ގަވައިދު ކިޔާއިރު ދޭހަވަނީ ޑޮލަރު މާރުކުރުމަށްޓަކައި މަސައްކަތްތައް ކުރެވިގެންދިއުން ނޫންކަމަށާއި ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައިވާނަމަވެސް އެއަށްފަހު އިސްތިސްނާވާ ހާލަތްތަކެއް ހިމަނާފައިވާކަމަށާއި އެންމެ ފަހުގެ ނިންމުން އެމްއެމްއޭއިން ނިންމާނެކަމަށް ހިމަނާފައިވާކަމަށެވެ.
ހާރޫން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ރިސޯޓު އޯނަރުންނާއި ޑައިރެކްޓްކޮށް ވާހަކަދެއްކޭނެ ގޮތެއް ހޯދުމަށްކަމަށާއި ފަހިކުރަމުންދަނީ ވައްކަން ކުރާނެ މަގެއްކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އަޅާފައިވާ ފިޔަވަޅުގެ ފަހަތުގައި ސާފު ނިޔަތެއް އޮތްކަމަށް ފެނިގެން ނުދާކަމަށާއި އޮތްނަމަ މިހާރު ކުރަމުންދާ ގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ މަޖުބޫރުކޮށްގެން ސަރުކާރުން ބަޔަކު މީހުންގެ ވިޔަފާރި ތެރެއަށް ނުވަންނާނެކަމަށާއި މިހާރަށްވުރެ ރަނގަޅަށް ކުރިމަތިވެފަިއވާ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅު އަޅާނެކަމަށެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައިވެސް އެފަދަ ރިސޯޓުތަކާއި ގުޅުން ހުރި ގާނޫނީ މަސައްކަތްތައް ކުރެވިފައިވާނެކަމަށާއި މިނިމަމް ވޭޖް ކަނޑައެޅިގެންދިޔައީ އެ ގޮތުގެ މަތިންކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން އެ މަސައްކަތްތައް ކުރީ ރިސޯޓު އޯނަރުންނާއި ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްގެންކަމަށެވެ.
ސަރުކާރު ހިންގަނީ ”ވައްކަން“ ކުރަން: ކުރީގެ މެމްބަރު ހާރޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ