ކެއާ ސޮސައިޓީން ލިޓްލް ޖެމްސްގެ ދަރިވަރުންނަށް "ސްކޫލް ބޭސް އިންޓަވެންޝަން" ޕްރޮގްރާމެއް

ކެއާ ސޮސައިޓީ އާއި ހުޅުމާލޭ ލިޓްލް ޖެމްސް ޕްރީ ސްކޫލާ ދެމެދު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކެއާ ސޮސައިޓީން ބުނީ، މިއެއްބަސްވުމަކީ ލިޓްލް ޖެމްސް ޕްރީ ސްކޫލުގައި ކިޔަވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް "ސްކޫލް ބޭސް އިންޓަވެންޝަން" ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ކެއާ ސޮސައިޓީގެ ކަމާބެހޭ ފަންނީ ބޭފުޅުން ލިޓްލް ޖެމްސް ޕްރީ ސްކޫލުގައި ކޮންމެ ހަފްތާއަކުވެސް މަސައްކަތް ކުރައްވާނެ ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ. އަދި ޓީޗަރުންނާއި ކުދިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ކެއާ ސޮސައިޓީން ބުނެއެވެ.
ކެއާ ސޮސައިޓީން އިތުރަށް ބުނީ، ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި، ސްކޫލް މެނޭޖްމަންޓަށް ބޭނުންވާ ފަންނީ އިރުޝާދާއި ލަފާ ދޭނެ ކަމަށެވެ.
"ސްކޫލް ބޭސް އިންޓަވެންޝަން" ޕްރޮގްރާމަކީ ކުއްޖާގެ ޅަފަތުގައި ހެދި ބޮޑުވުމުގެ މަރުހަލާތަކަށް އައިސްދާނެ ލަސްކަމެއް ވީހާވެސް އަވަހަކަށް ދެނެގަނެ އަކަމަށް ބޭނުންވާ އެކިއެކި ހުނަރު ލިއްބައި ދިނުމަށް ޓީޗަރާ، ބެލެނިވެރިޔާ އަދި ކަމާ ބެހޭ ފަންނީ ބޭފުޅުން އެކުވެގެން ސްކޫލައާއި އަދި ގޭގައި ހިންގާ ޕްރޮގުރާމެއް ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ.
ކެއާ ސޮސައިޓީގެ ފަރާތުން ޕްރީ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ އިތުރުން މާލޭގެ އިތުރު 2 ސްކޫލެއްގައި ހިންގާ ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ. އެއީ ދޮންދޫނި ލިޓްލް ލާނާސް އަދި މާފަންނު މަދަރުސާ ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ