ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ބާއްވާ "ރިޔާސީ ބަހުސް 2023"ގައި ބައިވެރިވެވަޑައި ނުގަތުމަށް ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ގެންދަވަނީ އުޒުރު ދައްކަވަމުން ކަމަށް އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބު އަދި ރަނިންމޭޓް ހުސެއިން އަމްރު މުހައްމަދު ރަޝާދުގެ ކެމްޕޭނުގެ މައުލޫމާތު ދިނުމަށް ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވަނީ ހެންވޭރު މައިޒާންދޮށުގޭގައި ހުންނަ އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވައިފަ އެވެ.
އެނގުން މުހިންމު - އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ އިންތިހާބުގެ ބަހުސާ ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ޕާޓީގެ ކެމްޕޭން ތަަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ:
ރައީސް ސޯލިހަށް ރިޔާސީ ބަހުސްގައި ބައިވެރިވެވޭނީ ވަގުތު ތަންދޭ ނަމަ ކަމަށް
މި ވަގުތަށް އެންމެ މުހިންމީ ކެމްޕޭނުގެ ދަތުރުތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށް
"ރައީސް އެ ވަޑައިގަންނަވަނީ ވައުދުތަކުގެ ވާހަކަތައް ޓީވީގެ ޒަރިއްޔާއިން ގެނެސްދެއްވަމުން، އެހެންވީމާ ސީދާ ތިއަށް އެއްޗެކޭ ދަންނަވަން އެނގޭނީ އެމަނިކުފާނުގެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް ފަހު ވަގުތު އޮވެއްޖިއްޔާ. ހަމަ ގައިމު ވެސް ތިޔަ ކަންކަމަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވާނެ،" މާރިޔާ ދީދީ ވިދާޅުވި އެވެ.
ތަފްސީލު- އެކަމާ ގުޅުވައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވީ "އޭގެ މާނައަކީ ބަހުސްގައި ބައިވެރިވެވަޑައި ނުގަންވާނެއޭ" ކަމަށެވެ.
އަދި 2018ގެ ހަނދާން އައު ކުރައްވަމުން އިމްތިޔާޒް ވިދާޅުވީ، އެ އަހަރު އޮތް ރިޔާސީ ބަހުސްގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ރައީސް ސޯލިހު އަމަލުކުރެއްވީ މިހާރު ވެސް އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ކަމަށެވެ.
"އަނެއްކާ މާޒީއަށް ބައްލަވައިފި ކަމުގައިވީ ނަމަވެސް، މިދިޔަ 2018ގެ ރިޔާސީ އިންތިހާބުގައި ވެސް ހަމަ އެގޮތަށް ހައްދަވާފައިވާ ކަން ފާހަގަ ކުރެވޭ. އެހެންވީމާ މިއީ ހަމަ ކަންބޮޑުވާ ކަމެއް." އިމްތިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންނާ ބައްދަލުކުރައްވައި، ބަހުސްގެ ޒަރިއްޔާއިން ރައްޔިތުންގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީ ވަޑައިގަތުން ކަމަށާއި އެއީ ވަރަށް ވަރަށް އަސާސީ އަދި މުގައްދަސު ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ރައީސް ސޯލިހު މިހާރު ވެސް އެ ގެންދަވަނީ ބަހުސުގައި ބައިވެރިވެވަޑައި ނުގުތުމަށް ތަފާތު އުޒުރެއް ދައްކަވަމުން ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ސަރުކާރުގެ ކެންޑިޑޭޓް މިހާރު ވެސް އެ ވިދާޅުވަނީ ބައިވެރިވެ ވަޑައިގަނެވޭނީ، އެހެން ވިދާޅުވެ، އުޒުރެއް އެ ދައްކަވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން، އިމްތިޔާޒް އިތުރަށް ވިދާޅުވީ:
ރިޔާސީ އިންތިހާބުގައި ވާދަ ކުރާއިރު ރައްޔިތުންނާ ބައްދަލުކުރައްވަން ޖެހޭނެ
ހަމަ އެއާ އެކުގައި ރައްޔިތުންނަށް އިތުރު މައުލޫމާތާއި އާންމުންގެ ފަރާތުން ކުރާ ސުވާލުތަކަަށް ޖަވާބުދާރީ ވާން ވާނެ
މީޑިޔާގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ސީދާ ކުރިމަތިލައްވަން ރިޔާސީ ބަހުސްގައި ބައިވެރިވުމަކީ ވަރަށް އަސާސީ ކަމެއް
"މީޑިޔާގެ ފަރާތުން ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީ ވަޑައިގަތުމަށް ސީދާ، ސީދާ ކުރިމަތިލައްވަން މި ދެންނެވި ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް އަސާސީ ކަމެއް." އިމްތިޔާޒް ވިދާޅުވި އެވެ.
2018 އެކޭ އެއްގޮތަށް، ރިޔާސީ ބަހުސްގައި ބައިވެރިނުވުމަށް ރައީސް ދައްކަވަނީ އުޒުރު: އިމްތިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ