އެމެރިކާގެ ހަމަލާތައް އީރާނުގެ ފެންޕްލާންޓްތަކާއި ގުދަންތަކާއި އާންމުންގެ ގެދޮރަށް!

ތެހެރާން (15 ޖުލައި 2026): އީރާނުގެ ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން އުފައްދާ ފެސިލިޓީއަކަށް އެމެރިކާ ހަމަލާދިނުމުގެ އިތުރުން އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ އާއިލާއެއް އެއްކޮށް ޝަހީދުކޮށްލާފައިވާކަން އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ ރަސްމީ ޓީވީ ބުނާގޮތުން އެމެރިކާގެ ހަނގުރާމައިގެ ޖެޓްތަކުން ހަމަލާދިން ތަންތަނުގެ ތެރޭގައި އީރާނުގެ އީލާމް ޕްރޮވިންސްގެ ޓައުންއެއްކަމަށްވާ މޫސިޔާންގައިވާ ސާފުބޯފެން އުފައްދާ ޕްލާންޓަކާއި ދަނޑުތަކަށް ބޭނުންވާ ފެންފޯރުކޮށްދިނުމަށް ބޭނުންކުރާ ޕަމްޕް ސްޓޭޝަނެއް ހިމެނެއެވެ. މީގެއިތުރުން އީރާނުގެ ދެކުނުގެ ބަންދަރު އައްބާސް ސިޓީގެ އިމާރާތަކަށް އެމެރިކާ ބޮންއެޅުމުން ތިން މީހުންގެ މައްޗަށް އެކުލެވޭ އާއިލާއެއް އެއްކޮށް ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް އެ ގައުމުގެ ޓީވީ ބުނެފައިވެއެވެ. އެމެރިކާގެ ހަމަލާއެއްގައި އީރާނުގެ ޚޫޒިސްތާންގެ ގޮދަން ރައްކާކުރާ ގުދަނެއްވެސްވަނީ އެ ތަނުގައި ރައްކާކޮށްފައިވާ ގޮދަނާއެކު އަނދާފައެވެ. އެމެރިކާގެ ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އަސްކަރީ ތަންތަނަށް ނޫނެވެ. އިމާރާތްތަކާއި ފެނާއި ކަރަންޓްގެ ވަސީލަތްތަކާއި ބްރިޖްތަކާއި ބަނދަރުތަކާއި ކާބޯތަކެތީގެ ކާރުޚާނާތަކަށްވެސް އެމެރިކާ ގެންދަނީ ވަރަށް ވަރުގަދައަށް ހަމަލާތައް ދެމުން ކަމަށް އީރާން ބުނެއެވެ. އީރާނުގެ ތަސްނީމް ނޫސްއެޖެންސީ ބުނާގޮތުން އިއްޔެ އެމެރިކާ ދިން ހަމަލާތަކުގައި އީރާން ސިފައިންގެ ހަ މީހަކު ޝަހީދުވެ އިތުރު ބަޔަކުވަނީ ޒަޚަމްވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އެދޭފަދަ އެއްބަސްވުމަކަށް ދިޔުމަށްޓަކައި ސުލްހައިގެ މޭޒަށް އީރާން އަންނަންދެން ނޫނީ އީރާން އަސްކަރީ ގޮތުން ބަލިވެ އަމާންދެންދެން އީރާނަށް ދޭ ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ޓްރަމްޕްވަނީ އީރާނުގެ ބްރިޖްތަކާއި ކަރަންޓް ސްޓޭޝަންތަކާއި ބަނދަރުތައް އެއްކޮށް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނަށް ދޭ ހަމަލާތަކުގައި އެމެރިކާ އަލަށް އުފައްދާފައިވާ ވަރަށް ބާރުގަދަ އައު ހަތިޔާރު ބޭނުންކުރަމުން ގެންދާކަންވެސް ޓްރަމްޕް ހާމަކުރިއެވެ. އިއްޔެއާއި ރޭގައިވެސް އީރާނުގެ 100 އަށް ވުރެގިނަ ތަންތަނަށް އެމެރިކާ ބޮންއަޅައި އަދި ރޮކެޓާއި ޑްރޯނުން ހަމަލާތައް ދީފައިވެއެވެ. ބައެއް ރޮކެޓާއި ޑްރޯންތައް އީރާނުން ވައްޓާލިކަމަށް އެ ގައުމުން ބުނެފައިވެއެވެ. އީރާން ބުނާގޮތުން އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެ ގައުމުން އިއްޔެވަނީ ގިނަ އަދަދެއްގެ ޑްރޯނާއި މިސައިލުން ހަމަލާދީ ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މައިމަރުކަޒުގައި މިހާތަނަށް ހަލާކުނުވެހުރި އިމާތްތައް ހަލާކުކޮށްލާފައެވެ. މީގެއިތުރުން ކުވައިތާއި އުރުދުންގައިވާ އެމެރިކާގެ ޖެޓްތައް ރައްކާކުރާ ހޭންގަރުތަކަށްވެސް އީރާންވަނީ ބަލިސްޓިކް މިސައިލުން ހަމަލާ ދީފައެވެ. އީރާނުގެ ހަމަލާތަކުގައި ކުވައިތުގައިވާ އެމެރިކާ ރާޑަރެއް ހަލާކުވެ އެމެރިކާ ސިފައިންގެ ތެރެއިން އެކަކު މަރުވެ ހަ މީހަކު ޒަޚަމްވިކަމަށް އިތުބާރުހުރި މަސްދަރުތަކުން ރިޕޯޓްކޮށްފައިވެއެވެ. އީރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އެމެރިކާގެ ސެންޓްކޮމް އިން މިއަދުވަނީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އެއްބޭނުމަކީ ހުރުމުޒު އަށް އައްސޭރިވާ އީރާނުގެ ސަރަހައްދުތައް ހިފުމެވެ. އެއަށްފަހު ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމެވެ. ނަމަވެސް މިއީ އެމެރިކާއަށް ހާސިލްކުރެވިދާނެ ކަމެއްތޯ ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ