ކޯވިޑް19: ރައީސް ޔާމީން މިވަގުތު ބާއްވާފަ އެއޮތީ އެންމެ ރައްކާތެރިތަނުގައި، މާލެ ވަރަށް ނުރައްކާ: މެމްބަރު ބޮންޑޭ

މާލެއަށް ކޯވިޑް19 ހަލުވި ބާރު މިނެއްގައި ފެތުރެމުންދާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މިވަގުތު އެންމެ ރައްކާތެރީ މާފުށީ ޖަލުކަމަށާއި އެތަނުގައި ހުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ. 
ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ޔާމީން މާލޭ ގޭބަންދަށް ބަދަލުކުރުމަށް އަޑު އުފުލަމުންދާ މިދަނޑިވަޅުގައި މެމްބަރު އިބްރާހިމް ރަޝީދު ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިވަގުތަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރަން އަޑު އުފުލަންވީ ވަގުތު ނޫންކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ މާލޭގައި ކޯވިޑް19 ކޮންޓްރޯލުން ނެއްޓިފައިވުމާއި، ރައީސް ޔާމީން މިވަގުތު ހުންނެވި މާފުށީގައި މިބަލީގެ އަސަރެއް ނެތުމެވެ. އަދި ރައީސް ޔާމީނަށް ދިމާވެފައިއެވަނީ ވަރަށް ހިތާމަވެރިކަމެއްކަމަށާއި، ނަމަވެސް އެއަށްވުރެ އެމަނިކްފާނު ވެވަޑައިގަތް ހިޔާނާތް ބޮޑުކަމަށް ވިދާޅުވެ، އެފަދަ ބޮޑެތި ހިޔާނާތްވެފައިތިބި ބޭފުޅުންގެ ވާހަކަ ދެއްކުމުން ހަނދާނަށް އަންނަނީ ”އަލްޗަޕޯ“ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. 
”ޔާމީން މިވަގުތު ބާއްވާފަ އެއޮތީ އެންމެ ރައްކާތެރިތަނުގަ. އެއީ މާލެ ގެނެސްފިއްޔާ، މާލެ މިއޮތީ ކޯވިޑްގެ ނުރައްކާ ވަރަށް ބޮޑުތަނަކަށް ވެފަ، އަނެއްހެން ބުނަންޏާ މާލެ މިއޮތީ ވޫހާން ސިޓީގެ ބައެއްގެ ގޮތުގައި، އެހާވަރަށް ބާރަށް ފެތުރެމުންމިދަނީ. އެހެންވީމާ ޔާމީނަށް ރައްކާތެރިކަންވެސް އޮތީ މާފުށީގަ ހަމަ އެ އޮންނެވި ކޮޓަރިކޮޅުގަ ޓީވީއާ ހުރިހާ ވަސީލަތްތައްވެސް ފުރިހަމައަށް ހަމަ އެބޭފުޅާއަށް، މަޑުކޮށްލަން އަޅުގަނޑަށް ފެންނަނީ“ މެމްބަރު ބޮންޑޭ ވިދާޅުވިއެވެ.
މެމްބަރު އިބްރާހިމް ރަޝީދު އިތުރަށް ވިދާޅުވީ، މިއަދު ދިވެހި ގައުމުން އިދިކޮޅު ޕާޓީއެއް ނުފެންނަކަމަށާއި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ހިތާމައަކީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުންކަމަށެވެ. 
ކޯވިޑް19 ފަދަ ހައްސާސް ދަނޑިވަޅުތަކުގައިވެސް ޕީޕީއެމްއިން ގޮވަނީ ރައީސް ޔާމީން މިނިވަންކުރުމަށާއި، މުޒާހިރާކުރުމުގެ ވާހަކަކަން ފާހަގަކޮށް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މިވަގުތު ދައްކަންވީ ހާލުގައި ޖެހިފައިތިބި ރައްޔިތުންގެ ވާހަކައެވެ. ރައްޔިތުންނަށް އަސާސީ ޒަރޫރީ ބޭނުންތައް ނުފުދިގެން އުޅޭ މިދަނޑިވަޅުގައި ޒިންމާދާރު ގޮތަކީ އެރައްޔިތުންނަށް އެކަމަށް ފައިސާ ހޯދަން ވާހަކަ ދައްކުންކަމަށެވެ. 
އަދި އިކޮޅު ޕާޓީއެއް ނެތުމުން މިއަދު ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރުވެސް އަދި ވެރިކަންކުރުމުގެ ޒިންމާވެސް އުފުލަންތިބީ އެމްޑީޕީކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވިއެވެ.
”އިދިކޮޅު ޕާޓީއެއް މިވަގުތު ނެތް، އެދިކޮޅު ޕާޓީއަކީވެސް އެމްޑީޕީ. ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުން އެއީ ގައުމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ހިތާމަ. މިގައުމުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނުއުފެދުނު. އެހެންވީމަ، އިދިކޮޅު ޕާޓީއަކީވެސް އަޅުގަނޑުމެން މިވަގުތު. ސަރުކާރު ހިންގަނީވެސް އަޅުގަނޑުމެން. އަޅުގަނޑުމެން ކިޔައިދޭނަން ހުރިހާ އެއްޗެއް، ނުފޮރުވާނަން. ސަރުކާރުގެ އަދި މިނިސްޓަރެއްވިޔަސް، އިކޮނޮމިކް މިނިސްޓަރެއް ފިނޭންސް މިނިސްޓަރެއް އަޅުގަނޑުމެން ނުބަލާނަން މޫނަކަށް ކަނދުރާއަކަށް، އަޅުގަނޑުމެން އެކަމެއްގައި ދައްކަންޖެހުނު މީހެއްގެ ވާހަކަ ދައްކާނެ“ ކަމަށް މެމްބަރު ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްކަން ވަރަށް ގިނަ ފަރާތްތަކުންދަނީ ފާހަގަކުރަމުންނެވެ. އަދި އިދިކޮޅު ލީޑްކުރައްވާނެ ލީޑަރެއް ނެތްކަމުގެ ޝަކުވާވެސް ގިނަ ބަޔަކު ކުރެއެވެ. ޑިމޮކްރަސީއެއް ހަރުދަނާވުމަށް ޒިންމާދާރު އިދިކޮޅު ސިޔާސީ ފިކުރަކީ ވަރަށް މުހިއްމުކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ