ދެ މީހަކު ނިޔާވި ހާދިސާއާ ގުޅިގެން މައުމޫން ފެކްޝަނުން މިރޭ ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި

މިއަދު ހެނދުނު ހ. އޯކިޑްގައި ރޯވެ ދެ އަންހެނަކު ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޑީއާރުޕީގެ ޒައީމު މައުމޫނު އަބުދުލްގައްޔޫމުގެ ފެކްޝަނުން މިރޭ ބާއްވަން އޮތް ޖަލްސާ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.
މައުމޫނު ފެކްޝަންގެ ހަރަކާތްތައް ހިންގެވުމުގައި އިސްވެ ހަރަކާތްތެރިވާ، އުމަރު ނަސީރު ސަންއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މިރޭ ބާއްވަން އޮތް ޖަލްސާ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކުރި ނަމަވެސް އެ ޖަލްސާގައި ރޭވިފައިވާ ކަންތައްތަކަށް ބަދަލު ނާންނަ ކަމަށެވެ. އެގޮތުން އެ ޖަލްސާގައި ޑީއާރުޕީގެ މައުމޫނު ފެކްޝަނާ އެކުވެރި އެހެން ޕާޓީތަކުގެ އިސްވެރިން ވާހަކަ ދައްކަވާނެ ކަމަށެވެ.
"އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަން އޮތް ޖަލްސާގައި، އަޅުގަނޑުމެންގެ އެކުވެރި ޕީއޭގެ ރައީސް އަބުދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވެސް ވާހަކަ ދެއްކެވުމަށްއޮތީ ހަމަޖެހިފައި. އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ޖަލްސާގައި ވެސް އެ ބޭފުޅުން ވާހަކަ ދައްކަވާނެ. އޭގެ އިތުރުން ރަހުމަތްތެރި ޕާޓީތަކުގެ މެންބަރުން މި ޖަލްސާގައި ސިޔާސީ ވާހަކަ ދައްކާ ގޮތަށް ވަނީ ހަމަޖެހިފައި،" އުމަރު ވިދާޅުވި އެވެ.
ނަމަވެސް އުމަރު ވިދާޅުވީ، އެ ޖަލްސާގައި ޒައީމް މައުމޫނު ވާހަކަ ދެއްކުމަށް ހަމަޖެހިފައި ނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ