މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު ކަމުގެ މަގާމަށް ޑރ. އަޒީމާ އާދަމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދިންއިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވާ މައުމޫން ހަމީދު އެމަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި ދެ ބޭފުޅުންގެ ނަން ކޮމެޓީއަށް ފޮނުވުމުން ކޮމެޓީން ނިންމީ އަޒީމާއަށް ރުހުން ދީ މައުމޫންއަށް ރުހުން ނުދިނުމަށެވެ.
މިއަދު ބޭއްވި ޖަލްސާގައި އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް 52 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި މައުމޫނަށް ރުހުން ދޭން ފެންނަ ކަމަށް36 މެންބަރަކު ވޯޓު ދެއްވިއިރު ރުހުން ދޭން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވި އެވެ.
ޕީޖީ ކަމަށް މައުމޫން އައްޔަން ކުރަން ނުފެންނަ ކަމަށް ފާސްވީ، ގާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ބުނާ އަދަދަށް ވޯޓު ނުލިބުމާއި ގުޅިގެންނެވެ. ގާނޫނު އަސާސީ 221 ވަނަ މާއްދާގައި ވަނީ ޕީޖީ ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ލިބެންޖެހޭނެ ކަމަށެވެ. އެއީ 39 ވޯޓެވެ.
ޑރ.އަޒީމާ އަކީ އެމްއެމްއޭގެ އެސިސްޓެންޓު ގަވަރުނަރު އަދި ޗީފް އިކޮނޮމިސްޓު މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސްގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅާއެވެ.
އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 1991 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރައްވަން ފެއްޓެވިއިރު އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެއިސެސްޓަރގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ. .ގަވަރުނަރުކަން އާޒިމާއަށް ދޭން މަޖިލީހުން ފާސްކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. ފަޒީލް ނަޖީބު އިސްތިއުފާ ދެއްވުމުނެވެ.
ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
މައުމޫން ހަމީދު އައްޔަންކުރަން ފާސްނުވިއިރު ގަވަނަރު ކަމަށް އަޒީމާ އައްޔަންކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ