ރައްޔިތުން އެދޭ ބަދަލު ރާއްޖެއަށް ގެނެސް ނުދެވޭ ފަދަ ލީޑަރަކަށް ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ފުރުސަތު ނުދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިއާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފި އެވެ.
މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ނާލާފުށްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖެއަށް ތަރައްގީގެ ބަދަލުތައް ގެންނަން ރައްޔިތުން ބޭނުންވި ނަމަވެސް އެ ބަދަލުތައް ގެންނަން ދެން ދުވަހާއި އަހަރުތައް ހޭދަ ކުރެވެން ނެތް ކަމަށެވެ.
"ރައްޔިތުން އެދޭ ބަދަލާއި ތަރައްޤީ މިހާރުން މިހާރަށް ވެސް ގެންނަން ޖެހޭ. މިފަހަރުގެ [ރިޔާސީ] އިންތިހާބުގައި ލެވޭ ކޮންމެ ވޯޓަކީ އެބަދަލު ގެނެއުމަށް ލެވޭ ވޯޓަކަށް ވާންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ތަފާތު އެކި ދާއިރާތަކުން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބި ވަޑައިގެންފައިވާ ކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ލިބި ވަޑައިގެންނެވި ފުރުސަތުތަކުގައި ރައްޔިތުން ބޭނުންވަނީ ކޮންކަހަލަ ބަދަލުތަކެއްކަން އެމަނިކުފާނަށް ރަނގަޅަށް ސާފުވެ ވަޑައިގެންފައިވާ ކަމަށެވެ.
"ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލާން ނިންމީ އެ ބަދަލުތައް ގެނައުމުގެ އުއްމީދުގައި. ރައްޔިތުން އެ ފުރުސަތު ދެއްވައިފިނަމަ އެ ބަދަލުތައް ގެނެސްދޭނަން." ގާސިމް ވިދާޅުވި އެވެ.
ނާލާފުށީ ދަތުރުފުޅުގައި އެ ރަށުގެ ސިއްހީ މަރުކަޒަށާއި، ސްކޫލްގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކަށް ވަޑައިގެން އެތަންތަނުގެ މަސައްކަތްތަކާބެހޭ ގޮތުން ޤާސިމް ވަނީ މައުލޫމާތު ހޯއްދަވާފަ އެވެ.
ގާސިމްގެ މ. ދަތުރުފުޅުގައި މިއަދު ވޭވަށާއި ރަތްމަންދޫ އަށް ވެސް ވަޑައިގެންނެވި އެވެ. ވޭވަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވީ ރައީސް ކަމަށް ކުރިމަތި ލައްވަން ނިންމެވީ ހަގީގަތަކަށް ހެދޭނެ ތަސައްވުރު ތަކަކާއެކު ކަމަށާއި އިންތިހާބާއި ގުޅިގެން ރައްޔިތުންނާއި ހަމަޔަށް އަންނަ ކޮންމެ ތަސައްވުރަކީ ހަގީގަތަކަށް ހެދޭނެ ތަސައްވަރަކަށް ވާންޖެހޭނެ ކަމަށެވެ.
"ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ގާއިމްކުރުން، ބޭސްފަރުވާ ނުކުރެވި ނިކަމެތި ހާލުގައި މަރުވެދާން ނުޖެހުން، ތައުލީމް އުނގެނުމުގެ ފުރުސަތު ހަމަހަމަކަމާއިއެކު ކޮންމެ ދަރިވަރަކަށް ލިބި ދިނުން އަދި ޒަމާނީ ވަސީލަތްތަކާއެކު ތައުލީމް އުނގެނުމުގެ ފުރުސަތު ލިބިދިނުން ފަދަ ތަސައްވަރު ތަކަކީ އަޅުގަނޑުގެ ވެރިކަމެއްގައި ގައިމު ކޮށްދެވޭނެ ކަންކަން،" ގާސިމް ވިދާޅުވި އެވެ. "މިއިން ކޮންމެ ވައުދެއް ރައްޔިތުންނަށް ވެވަޑައިގަން އިރު އެކަންކަން އަމަލީ މައިދާނުގައި މިހާރު ވެސް [އަޅުގަނޑު ވާނީ] ސާބިތުކޮށްދީފައި. ނަމަވެސް ރިއާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އެހެން ބައެއް ބޭބޭފުޅުން ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ތަސައްވަރު ތަކަކީ ތަޖުރިބާއެއް ނެތި ގެނެސްފައިވާ ތަސައްވަރުތަކެއް،"
މީގެ އިތުރުން މިފަހަރުގެ އިންތިހާބުގައި ހަގީގަތަކަށް ނުވާނެ އެއްވެސް ތަސައްވަރަކާއިގެން ވަޑައިގަންނަވާ ބޭފުޅަކަށް ރައްޔިތުން އާ ބަސް ނުބުނުމަށް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
ގާސިމްގެ މީމު ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންވާނީ މިރެ އެވެ.
ފުރުސަތު ދީފިނަމަ ރާއްޖެ ބަދަލު ކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ