ސްކޫލް ފެށޭ ގަޑީގަ އާއި ނިމޭ ގަޑީގައި ހެވީ ވެހިކަލަށް ނުވަދެވޭ ގޮތަށް ހަދަނީ
ސްކޫލްތައް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލްތައް ހިމެނޭ ސަރަހައްދަށް ހެވީ ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިރޭ ވިދާޅުވީ ސްކޫލްތަކަށް ކުދިން ގޮވައިގެން ބެލެނިވެރިން ދާ ގަޑީގަ އާއި ބަލާ ދާއިރު ސްކޫލް ސަރަހައްދަށް ހެވީ ވެހިކަލް ވަނުމުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، އަންނަ އަންގާރަދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު، ސްކޫލްތައް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި އެ ސަރަހައްދަށް ހެވީ ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ސްކޫލްތައް ފެށޭ ގަޑީގަ އާއި ނިމޭ ގަޑީގައި ވެސް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތި ބޮޑެތި ލޮރީ އާއި ޕިކަޕް ފަދަ ވެހިކަލް އެބަ ވަދޭ. މިކަން މި ދިމާވަނީ އިޖުތިމާއީ ފޭރާން ރަނގަޅު ނުވީމަ. ސްކޫލްތައް ފެށުމުގެ ކުރިން މިކަމަށް ހައްލެއް ގެނައުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި،" ނާފިޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތައް ފެށޭ ގަޑީގަ އާއި ނިމޭ ގަޑީގައި އެ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރި ވާނެ އެވެ. އެގޮތުން، އަލަށް ތައާރަފުކުރާ އުސޫލާ ހިލާފުވާ ފަރާތްތަކުގެ ލައިސެންސް ހިފަހައްޓައި ޖޫރިމަނާކުރުމުގެ އިތުރަށް އުޅަނދުގެ ވެރިފަރާތް ވެސް ޖޫރިމަނާކުރާނެ ކަމަށް ނާފިޒްވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ