ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނަން: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އާއި ޑީއާރުޕީން އެއްބާރުލުންދީގެން މަސައްކަތް ކުރަން ފަށާފައިވާއިރު، ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން ޖެހިއްޖެ ނަމަ އެކަމާ ޕާޓީން މަޝްވަރާކޮށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިހާބު ބާތިލްކުރުމުގެ މައްސަލަ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅައި ކުރިއަށް ގެންދާއިރު، އެ ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން މޫސަ ވިދާޅުވީ އެއީ މަޖިލީހުން ކުރެވިދާނެ ކަމެއް ކަމަށެވެ. އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އޭގެތެރޭގައި ޖިނާއީ އިޖުރާއަތުގެ ބިލާއި ހެއްކާ ބެހޭ ގާނޫނު ވުޖޫދަށް ގެނައުން ފަދަ ކަންކަން ނުވެގެން އުޅެނީ މަޖިލީހުގެ މެޖޯރިޓީ ނުލިބިގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. "މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޕާލިމެންޓުގެ މެޖޯރިޓީ ފެންނަން ފެށީމަ ދެން ސުޕްރީމް ކޯޓުގެ ބެންޗަށް ވެސް ބަދަލު ގެންނަން ޖެހިއްޖިއްޔާ، އަދަދަކީ ކޮބައިތޯ ބަލައި އެކަމާ ވާހަކަ ދެކެވި ޝަރުއީ ދާއިރާގެ މީހުންނާއި އެ ނޫން ވެސް ދާއިރާތަކުގެ މީހުންނާ ބަހުސްކުރުމަށް ފަހު ޕާޓީގެ ތެރޭގައި އެކަމަށް ގޮތެއް ނިންމައި މަޖިލީހަށް ހުށަހަޅާނަން،" އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މޫސަ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމާ ގުޅޭގޮތުން ނަޝީދު ވާހަކަ ދެއްކެވީ ވަގުތުން ވަގުތަށް ބަދަލު ގެނައުމަށް ކަމަށް ބައެއް ފަރާތްތަކުން ހީކުރާ ކަމަށާއި "ވަގުތުން ވަގުތަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެކަން ވެސް މެޖޯރިޓީ އޮތިއްޔާ ކުރެވޭނެ" ކަމަށް މޫސަ ވިދާޅުވި އެވެ. ނަޝީދުގެ ވާހަކަ ތަފްސީލުކޮށް ދެއްވަމުން މޫސަ ވިދާޅުވީ ގައުމީ މަޖިލީހުގައި އެމަނިކުފާނު ވިދާޅުވީ ވަކި ވައްތަރެއްގެ ތައުލީމީ މީހުންތަކެއް ސުޕްރީމް ކޯޓުގައި ތިބުމަކީ ގަބޫލުކުރެއްވޭ ކަމެއް ކަމަށެވެ. އެއީ އިލްމާއި ހުނަރު ހުރި މީހުން ރާއްޖޭގައި ތިބިއިރު، އެ މީހުންނަށް ފުރުސަތު ހޯދައިދިނުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށް މޫސަ ވިދާޅުވި އެވެ. މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި ނަޝީދު ވިދާޅުވީ ސުޕުރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ "ބައެއް ބާވަތުގެ އިލްމު މަދު" ބޭފުޅުން ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވާ ކަމަށެވެ. އަދި ބޭފުޅުންގެ ކިބައިގައި ގާނޫނީ ބައެއް ތަޖުރިބާ އާއި ބައެއް އިލްމު ނެތް ކަމަށް ކަމާ ބެހޭ މާހިރުން ފާހަގަކުރައްވަމުން ދާތީވެ ފަނޑިޔާރުންނާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން ސުޕުރީމް ކޯޓްގެ ބެންޗްގެ އަދަދަށް ބަދަލު ގެންނަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ގާނޫނު އަސާސީގައި ބުނާގޮތުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނެވޭނީ މަޖިލީހުން ފާސްކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 34 މެމްބަރުންނާއި ޑީއާރުޕީގެ މެމްބަރުންގެ ތެރެއިން އެމްޑީޕީ އަށް ތާއީދުކުރާ މެމްބަރުންނާއެކު 42 އަށް އަރަ އެވެ. އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ އޮތް ހާލަތަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ސައިޒު ބޮޑުކޮށް ކުޑަކުރުމަކީ ކުރެވޭނެ، ގާނޫނު އަސާސީގައި ފާހަގަކޮށްފައިވާ ކަމެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ. "މަޖިލީހަށް އެ ބާރު ވަނީ ދީފައި. އެ ވާހަކަ މަޖިލީހުން ދެއްކީމަ ސުޕްރީމް ކޯޓުން ބަސްފުޅެއް ވިދާޅުވެފައި އޮވޭ، އަޅުގަނޑު ހަނދާންވާ ގޮތުން ދެން ތިމަންނަމެންގެ ކަންތަކަކާ ނުކުޅެވޭނެއޭ މިހާރު ދާއިމީވެފައޭ މިހިސާބުން ނިމުނީއޭ، ސައިޒު ކުޑަކޮށް ބޮޑުކޮށް ވެސް ދެން ނުހެދޭނެއޭ،" އިމްތިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ބެންޗު އޮނަހިރި އަދަދަކުން ބޮޑުކޮށް، ކުޑަކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ ޒާތީ މަސްލަހަތަށްވުރެ އިސްވެގެން ވަނީ ގާނޫނު އަސާސީގެ މަސްލަހަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމެރިކާއަކީ ވެސް ރާއްޖެ ފަދައިން ރިޔާސީ ނިޒާމް ހިނގަމުންދާ ގައުމެއްކަން ފާހަގަކުރައްވައި އިމްތިޔާޒު ވިދާޅުވީ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ބެންޗަށް އަށް ފަހަރު ބަދަލު ގެނެސްފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށް، އެ އިންތިހާބު އަލުން ބޭއްވުމުގެ އަމުރަކަށް އެދި ޖުމްހޫރީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ ނިންމުން ޝަރުއީ ދާއިރާ މެދުވެރިކޮށް ބަދަލުކުރިޔަ ނުދޭނެ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާކޮމެޓީން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އަދި އަބުރު ގެއްލި، ފަސާދައިގެ ތުހުމަތު އެޅިފައިވާ ބައެއް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުން ބަދަލުކޮށް ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ފުރުސަތެއް ވެސް ނުދޭން ކަމަށް ވެސް އެ ކޮމެޓީން ނިންމާފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ