ޔާމީނަށް ތާއިދުކުރަން މެމްބަރު ނަޝީދު ނިންމަވައިފި

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއިދުކުރައްވަން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ނިންމަވައިފި އެވެ. މިރޭ ދިޓީވީ މެދުވެރިކޮށް ނަޝީދު ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ އޭނާގެ ގާނޫނީ ވިސްނުމާއި ޕިޕީއެމްގެ ގާނޫނީ ވިސްނުމާ ތަފާތުތަކެއް ހުރި ނަމަވެސް ޖުމްލަ މަންޒަރަށް ބަލާއިރު އޭނާ އިހްތިޔާރުކުރަން ގަސްދުކުރައްވާ ކެންޑިޑޭޓަކީ ޔާމީން ކަމެވެ. ޔާމީނަށް ތާއީދުކުރައްވަން ނިންމެވި އަނެއް ސަބަބަކީ ޔާމީނާ އެކު އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ ކުރީގެ ރައީސަކަށް ވެވަޑައިގަތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ "ރައީސްކަން ކުރައްވާ ބޭފުޅާގެ ދައުރުގައި ރާއްޖޭގައި ގައުމެއްގެ ހައިސިއްޔަތުން ތަޖުރިބާކުރައްވާފައިވާ ކަންކަމަށް ބަލައި އެކަންކަމުން އިބުރަތް ހާސިލުކޮށްގެން ތާޒާ ވިސްނުމަކާ އެކު ކުރިއަށް ދިއުމުގެ ވިސްނުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ،" ނަޝީދު ވިދާޅުވި އެވެ. ރާއްޖެއަށް ޑިމޮކްރަސީ އަންނަން ފެށީއްސުރެ، ރާއްޖޭގެ މައްސަލަތަކުގެ "ހޫނުމިން" ވަނީ ވަރަށް މަތީގައި ކަމަށާއި އެ ހޫނުމިން ތިރިކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިފަހަރު އިންތިހާބުގައި ކެންޑިޑޭޓުން ތަފާތު ވައުދުތައް ވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެ ވައުދުތައް ފުއްދައިދެވޭނީ ރާއްޖެ އަށް ހަމަޖެހުން ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ ފަރާތްތަކާ އެކު ގައުމަށް ރަނގަޅު މަގެއް ހޯދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރަން ފެށި ހިސާބުން ފެނިގެން ދިޔައީ ހިޔާލު ތަފާތުވުންތަކާއި ގޮންޖުންތަކާއި ހުރަސްތައް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ ޔާމީންގެ ވެރިކަމެއްގައި ޑިމޮކްރަސީ ހަރުދަނާކޮށް، ދިމާވެފައިވާ ގާނޫނީ މައްސަލަތައް ހައްލުކޮށް އަދި ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޕާޓީތައް ގުޅިގެން ސީރިއަސް މަސައްކަތްތަކެއް ކޮށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ