ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް މި ފަހަރު ވެސް ގާސިމް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ހަމަޖައްސައިފި އެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް އެ ކޮމިޓީގެ މުގައްރިރަކީ ގާސިމެވެ. ކޮންމެ އަހަރަކު ވެސް ބަޖެޓް ދިރާސާކުރަނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާ ކޮމިޓީއަކުންނެވެ. މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ގާސިމް ހޮވުނީ 17 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ނައިބު މުގައްރިރަކަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ހޮވުނީ 12 މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް އެ ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގެ ޖުމުލައަކީ 16.9 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 12.9 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ރާވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ