ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށް ގާނޫނު ތަންފީޒުނުކުރެވޭނެކަމަށާއި ސަރުކާރާމެދު މިހާރު އުއްމީދު ގެއްލިފައިވާކަމަށް ޕީޕީއެމުގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ނުހުއްޓުވިގެން އުޅެނީ ވަހީދު ސަރުކާރުގެ ކަމާބެހޭ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހިތްވަރު ނެތިގެންކަމަށާއި ހިތްވަރު ހުރި ނަމަ ރައީސް ނަޝީދު މިހާރު ހުންނަވަން ޖެހޭނީ ޖަލުގެ ކުޑަގޮޅިތަކުގެ ތެރެގޭގައި ކަމަށެވެ.
"ގާނޫނު ތަންފީޒުކުރުމަށް ތިބި ބޭފުޅުންގެ ހިތްވަރެއް ނެތް. އެއީ މިގައުމުގެ އެންމެ ބޮޑު މައްސަލައަކީ. ކިހާބޮޑު އަނިޔާއެއްތޯ ނަޝީދު ގައުމަށް ދިނީ. ހަމައެކަނި އަށެއް ފެބްރުއަރީއަށް ބަލާލާއިރު އެ ހާދިސާގައި 200 މިލިއަން ރުފިޔާގެ ގެއްލުން. 70 ވެހިކަލް އަންދާލި. ކޯޓްތައް ރޯކުރި. އެކަންކަން ބަލާ ތަންފީޒުކުރަން ތިއްބެވި ބޭފުޅުން އެތިއްބެވީ ކޮޓަރިކޮޅުގައި،" ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ގާނޫނު ތަންފީޒުކުރަން ޖެހުމުން މުޅި ދައުލަތުގެ ކަމާބެހޭ އިސްވެރިން ފަހަތު ފަޔަށް ބަރުވެ ފަސް ޖެހުމުންދާކަމަށާއި ގައުމުގެ ހަގީގީ މައްސަލައަކީ އެއީކަމަށެވެ.
"މަގާމުތަކުގައި އެތިއްބެވި ބޭފުޅުންނަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ދާއޮހޮރުވި ބޭފުޅުންނެތްނޫން. އެބޭފުޅުން ތިއްބެވީ ފިނިކޮޓަރީގައި. އެހެންކަމުން އެކަންކަން ކުރަން ނޭނގެނީ،" އުމަރު ވިދާޅުވިއެވެ.
ފުލުހުންނަށް ތަފާތު އަނިޔާތައް ކުރަމުންދާއިރު، ފުލުހުންގެ ބެލެނިވެރިންގެގޮތުގައި ތިއްބެވި ބޭފުޅުން ހާއްސަކޮށް މިނިސްޓަރ އެއާރކޮންޑިޝަން ކޮޓަރީގައި އިންނަވާކަމަށް ވިދާޅުވެ އުމަރުވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އުމަރު ވިދާޅުވީ މި ސަރުކާރުން ގާނޫނު ތަންފީޒުކޮށްދިނުމާމެދު މިހާރު އުއްމީދު ކަނޑާލައްވާފައިވާކަމަށާއި އެކަންކުރެވޭނީ 2013 ގައި ބާއްވާ ރިޔާސީ އިންތިހާބުކޮށް ވެރިކަމާ ޕީޕީއެމް ހަވާލުވުމުންކަމަށެވެ.
މި ސަރުކާރަށް ގާނޫނު ތަންފީޒުކުރެވިދާނެކަމުގެ އުއްމީދެއް ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ