އއ. އަތޮޅު ހޮސްޕިޓަލުން ކަރަންޓު ކަނޑާލައިފި

އއ. އަތޮޅު ހޮސްޕިޓަލުގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައިގެން އެ ހޮސްޕިޓަލުން ކަރަންޓް ކަނޑާލައިފި އެވެ
އެ ހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުންނެވި ކޮމިއުނިޓީ ހެލްތުވޯކަރު ޒަމީރާ މުހައްމަދު މިއަދު ވިދާޅުވީ ބިލްތަކަށް ފައިސާ ނުދައްކައިގެން އިންޖީނުގޭ މުވައްޒަފުން އައިސް ހޮސްޕިޓަލުން ކަރަންޓް ކަނޑާލީ މިއަދު މެންދުރު 12:00 ޖަހާ އެހާކަންހާއިރު ކަމަށެވެ. ހޮސްޕިޓަލުގައި ކަރަންޓްނެތުމުގެ ސަބަބުން ހޮސްޕިޓަލުން ޚިދުމަތް ދިނުން ހުއްޓިފައިވާކަމުގައި ވެސް ޒަމީރާ ވިދާޅުވި އެވެ.
ޒަމީރާވިދާޅުވީ މިހާތަނަށް ކަރަންޓް ބިލްތަކަށް ފައިސާ ދައްކަމުން އައީ ކޮންމެ މަހެއްގެ ކަރަންޓް ބިލު ލިބުމާއެކު އެ މައުލޫމާތު މިނިސްޓްރީއަށް ފޯރުކޯށްދިނުމުން މިނިސްޓްރީ ކަރަންޓް ބިލަށްވާ ފައިސާ ޖަމާކޮށްދިނުމުން ކަމަށެވެ. މިދިއަ ތިން މަހު ވެސް ހޮސްޕިޓަލުން ކަރަންޓް ބިލްތައް މިނިސްޓްރީއަށް ފޮނުވި ކަމަށާއި، ބިލްތަކަށް ފައިސާ ނުދައްކައިގެން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރުގެ ނޯޓިސް ދިނުމުން އެދުވަހު އެކަން ހެލްތު މިނިސްޓްރީއަށް ލިޔުމަކުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޒާރުގެ ނޯޓިހުގެ މުއްދަތު ހަމަވީ މިދިއަ ބުރާސްފަތި ދުވަހު އެވެ. އެ ހޮސްޕިޓަލުގެ ކަރަންޓް ބިލްތަކަށް 358،358ރ. އަރާފައި ވެއެވެ.
ޒަމީރާ ވިދާޅުވީ މިއަދު ކަރަންޓްކަނޑާލި އިރު އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހަކު އެ ހޮސްޕިޓަލުގައި ނެތް ކަމަށެވެ.
ރަސްދޫ ގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެނީ ރަސްދޫ ރައްޔިތުންގެ އިންޖީނުގެއިންނެވެ. މިކަމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ