ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ކަރަންޓް ބިލް ނުދެއްކި ކަރަންޓް ކަނޑާލާ ހިސާބަށް ގޮސްފައިވާތީ އެ މައްސަލަ ބެލުމަށް ފިނޭންސް މިނިސްޓަ އަބުދުﷲ ޖިހާދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.
ދައުލަތުގެ އެކި އޮފީސްތަކާއި އަމިއްލަ ބައެއް ކުންފުނި ތަކުގެ ކަރަންޓު ބިލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އެތަންތަނުން ސްޓެލްކޯއިން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލައާ މެދު މަޝްވަރާކުރައްވާ، މި މައްސަލައާއި މެދު ވަކި ގޮތެއް ނިންމެވުމުގެ ކުރިން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއާ ބައްދަލުކުރެއްވުމަށް ނިންމެވި މިއަދު ބޭއްވެވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައެވެ.
ކަރަންޓް ބިލްތައް ނުދެއްކިވާ މައްސަލާގައި ފިނޭންސް މިނިސްޓަރ ކޮމެޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމި އިރު، ސްޓެލްކޯއިން ވަނީ ދައުލަތުގެ މީޑިއާކަމަށްވާ ޓީވީއެމް ހިންގާ އިމާރާތުން ކަރަންޓް ކަނޑާލަށް އުޅެފައެވެ. ކަރަންޓް ކަނޑާލަން ދިޔަ މީހުން ޓީވީއެމް ގޯތިތެރެއަށް ނުވެއްދުމުގެ ސަބަބުން އެ ދުވަހު ވަނީ ކަރަންޓް ކަނޑާނުލެވިފައެވެ. ފަހުން ޓީވީއެމުގެ ކަރަންޓް ކަނޑާނުލާ މަޑުކުރީ ފިނޭންސް މިނިސްޓްރީން އަންގައިގެންނެވެ.
ޓީވީއެމުގެ އިތުރުން އައިޖީއެމްއެޗާއި އެ ނޫންވެސް ދައުލަތުގެ ބައެއް މުއައްސަސާތަކުން ކަރަންޓް ބިލްތަކަށް ފައިސާނުދައްކާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ސްޓެލްކޯއިން ބުނެފައިވާގޮތުގައި ކަރަންޓް ބިލަށް އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހިފައިވާ ތަނަކީ ސަރުކާރުން ހިންގާ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ އައިޖީއެމްއެޗެއެވެ.
އެ ތަނުގައި 20 މަސް ދުވަހުގެ ބިލަށް 31 މިލިއަން ރުފިޔާ އަރާފައިވާކަމަށް ސެޓްލޯއިން ވަނީ ބުނެފައެވެ. އަދި ޓީވީއެމުން ފަސް މަހުގެ ކަރަންޓް ބިލްނުދައްކާ އެބަ އޮތެވެ. އެބިލްތަކަށް 7.1 މިލިއަން ރުފިޔާ އަރާފައިވާކަމަށްވެއެވެ. އަދި ސިޓީ ކައުންސިލުގެ ކަރަންޓް ބިލަށް ދައްކަންޖެހޭ އަދަދު 6.8 މިލިއަނަށް އަރަ އެވެ.
ސީއެންއެމް އަށް މައުލޫމާތު ލިބިފައިވާގޮތުގައި ދައުލަތުގެ މުއައްސަސާތަކުން ކަރަންޓް ބިލަށް ދައްކަންޖެހޭ ފައިސާގެ އަދަދުވަނީ 150މިލިއަން ރުފިޔާ އަށް އަރާފައެވެ.
ކަރަންޓް ބިލްތަކުގެ މައްސަލާގައި ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ