މިދިއަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވައިދާ އެއް ގޮތަށް މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާ 103 ކުންފުންޏެއް އެބައޮތް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލް ޝުޖާއު ވިދާޅުވީ، ޕެންޝަންސް ސްކީމަށް ފައިސާ ނުދައްކައިގެން މިހާތަނަށް ލިސްޓްކުރެވިފައިވާ 103 ފަރާތަކީ މުޅިން ވެސް އަމިއްލަ ކުންފުނިތައް ކަމަށެވެ.
އޭގެ ތެރޭގައި ޕެންޝަން ފައިސާ އެއްގޮތަކަށް ވެސް ނުދައްކާ ކުންފުނިތައް ހުރިއިރު، މުވައްޒަފުންގެ ޕެންޝަން ސްކީމަށް ފައިސާ ނުދައްކައިގެން ލިސްޓްކޮށްފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް ފައިސާ ނުދައްކާ ކުންފުނިތައް ހިމެނެ އެވެ. ފައިސާ ނުދައްކައިގެން މިދިއަ އަހަރު ސެޕްޓެމްބަރު މަހު ލިސްޓްކޮށްފައިވާ ނަން މަޝްހޫރު ބޮޑެތި ކުންފުނި ތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމެމްބަރު ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑާއި އެމްވީކޭގެ އިތުރުން، ރާއްޖޭގައި އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ، އައިމާ ކޮންސްޓްރަކްޝަން ހިމެނެ އެވެ.
ޝުޖާއު ވިދާޅުވީ، ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ އިތުރުން ފައިސާ ދެއްކުމުގައި ބައެއް ކުންފުނިތަކުން މުވައްޒަފުންގެ އަދަދު އޮޅުވާލައި މަކަރު ހަދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ވެސް ފިޔަވަޅު އެޅިފައިވާ ކަމަށެވެ.
ޕެންޝަން ސްކީމަށް ފައިސާ ނުދައްކައިގެން 10 ކުންފުންޏެއްގެ މައްސަލަ މިހާރު ވެސް ކޯޓްގައި އެބައޮތެވެ. އޭގެ ތެރޭގައި ކުރިން ކުރެވުނު ދައުވާތަކުގެ ހުކުމްތައް ތަންފީޒުކޮށްދިނުމަށް އެދި ކޯޓަށް ހުށައަޅާފައިވާ މައްސަލައެއް ވެސް ހިމެނެ އެވެ.
ޕެންޝަނާއި ބެހޭ ގާނޫނުގެ ދަށުން ކޮންމެ ފަރާތަކުން ވެސް އެފަރާތެއްގެ މުވައްޒަފުންގެ މުސާރައިގެ ހަތް ޕަސެންޓާއި، ވަޒީފާ ދޭ ފަރާތުން ދައްކަންޖެހޭ ހަތް ޕަސެންޓް ގަވައިދުން ޕެންޝަން އޮފީހަށް ދައްކަމުންދޭތޯ މުވައްޒަފުން ވެސް އަމިއްލައަށް ބަލަމުން ގެންދަންޖެހެ އެވެ.
103 ކުންފުންޏަކުން ޕެންޝަން ފައިސާ ނުދައްކާ: ޕެންޝަން އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ