ބިލާ ހަވާލު ނުވެ، ބިލް ނުދައްކާ ނަމަ ފެނަކަ އަށް ކަރަންޓް ކަނޑާލުމުގެ އިހުތިޔާރު ލިބިގެންވޭ: ހުކުމް

ކަރަންޓް ބިލާ ހަވާލު ނުވެ އަދި ކަރަންޓް ބިލް ނުދައްކާ ނަމަ، ކަރަންޓް ކަނޑާލުމުގެ އިހުތިޔާރު ފެނަކަ ކޯޕަރޭޝަނަށް ލިބިގެންވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރޭ ހުކުމްކޮށްފި އެވެ. ހިތަދޫ އެމްއެމް ޓްރޭޑާސް އިން ހޯމަދުވަހު ކަރަންޓް ކަނޑާލި މައްސަލާގައި އެ ރަށު ކަސްރަތީގެ މުހައްމަދު މޫސާ ފެނަކައާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ކުރި ހުކުމުގައި ބުނެފައި ވަނީ ފެނަކަ ކޯޕަރޭޝަނުގެ ހިންގާ ގަވައިދުގެ ފަސް ވަނަ މާއްދާގެ 5.2.1 ގެ (ށ) ގައި ވަގުތީ ގޮތުން ކަރަންޓް ކަނޑާލެވިދާނެ ހާލަތްތަކުގެ ތެރޭގައި ބިލާ ހަވާލު ނުވުން އޮންނަ ކަމަށެވެ. މެޖިސްޓްރޭޓް މަރިޔަމް ވަހީދު ނިންމެވި ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ދެ މަހުގެ ކަރަންޓް ބިލާ މުހައްމަދު މޫސާ ހަވާލުވެފައި ނުވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ވެސް އެނގެ އެވެ. "...އެހެންކަމުން ދައުވާ ލިބޭ ފެނަކަ ކޯޕަރޭޝަނަށް ދައުވާ ކުރާ މުހައްމަދު މޫސާގެ ފިހާރަ ކަމުގައިވާ އެމްއެމް ޓްރޭޑާސް އިން ކަރަންޓް ކަނޑާލައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް" ކަމަށް ބުނެ މައްސަލަ ވަނީ ނިންމާފަ އެވެ. ހިތަދޫ ކޯޓަށް ދައުވާ ހުށަހެޅުމުން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ފިހާރަ އަށް ކަރަންޓް ދޭން ފެނަކައިގެ މައްޗަށް މިދިއަ ހޯމަދުވަހު އަމުރެއް ނެރުނެވެ. އެކަމަކު ހުކުމާ އެކު އެ އަމުރު ވަގުތުން ބާތިލްވީ ކަމަށް ވެސް ގާޒީގެ ނިންމެވުމުގައިވެ އެވެ. "މިއީ މި ބާވަތުގެ މައްސަލަތަކުގައި މީގެ ފަހުން އަމަލު ކުރަންވީ ގޮތް ކަމަށް ކަނޑައަޅައި މި ގޮތުގެ މަތިން ހުކުމްކޮށްފީމެވެ." ހުކުމްގައިވެ އެވެ. ކޯޓުން މިގޮތަށް ހުކުމް ކުރި އިރު އިއްޔެ ވަނީ ހިތަދޫގެ އިތުރު ދެ ފިހާރައަކަށް ކަރަންޓް ދީފައި ބޭއްވުމަށް ފެނަކައިގެ މައްޗަށް ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ