2018 ގެ ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި

ގޯލްޑް ކޯސްޓް، އޮސްޓްރޭލިއާ (ނޮވެމްބަރު 12) - ކޮމަންވެލްތު ގޭމްސް 2018 ވަނަ އަހަރު ބާއްވާނެ ސިޓީއަކަށް އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ގޯލްޑް ކޯސްޓް ހޮވައިފި އެވެ. އޮސްޓްރޭލިއާގެ ދެކުނު އިރުމަތީ އައްސޭރީގައި އޮންނަ ހިތްގައިމު މި ސިޓީ އަށް މި ޝަރަފް ލިބުނީ ސްރީ ލަންކާގެ އައްސޭރި ސިޓީ ހަމްބަންޓޯޓާއާ ވާދަކޮށްގެންނެވެ. ކެރީބިއަންގެ ޖަޒީރާ ސެއިންޓް ކިޓްސްގައި އިއްޔެ އޮތް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާގައި އޮތް ވޯޓުގައި ގޯލްޑް ކޯސްޓަށް 43 ވޯޓް ލިބުނެވެ. ހަމްބަންޓޯޓާ އަށް ލިބުނީ 27 ވޯޓެވެ. ދެ ހާސް ހަތަރު ވަނަ އަހަރުގެ ސުނާމީގައި ހަލާކުވި ހަމްބަންޓޯޓާއަކީ އަލަށް ބިނާކުރަމުން އަންނަ ސިޓީ އެކެވެ. މި އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ބައެއް މެޗުތަކުގެ އިތުރުން މިދިޔަ މަހު އޮތް ސައުތު އޭޝިއަން ބީޗް ގޭމްސް ވެސް ބޭއްވީ އެ ސިޓީގަ އެވެ. ގޯލްޑް ކޯސްޓަށް ބިޑް ކާމިޔާބުވުމާ އެކު އެ ސިޓީގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އުފާފާޅުކުރި އެވެ. ގުދުރަތީ ރީތިކަމާއި އުސް އިމާރާތްތަކުން ފުރިފައިވާ ހިތްގައިމު ގޯލްޑް ކޯސްޓަކީ ފަތުރުވެރިކަމުގައި ވެސް ކުރިއަރާފައިވާ މަންޒިލެކެވެ. އޮސްޓްރޭލިއާ އިން ވަނީ މީގެ ކުރިން ހަތަރު ފަހަރު މި ގޭމްސް ބާއްވައިފަ އެވެ. އެހެންކަމުން 2018 ގެ ގޭމްސްއާ އެކު އެ ގައުމު ވެގެންދާނީ މި ގޭމްސް އެންމެ ގިނައިން ބޭއްވި ގައުމަށެވެ. އޮސްޓްރޭލިޔާގައި އެންމެ ފަހުން ގޭމްސް ބޭއްވީ 2006 ވަނަ އަހަރު އެވެ. އެހަރުގެ މުބާރާތް އޮތީ މެލްބަންގަ އެވެ. މިދިޔަ އަހަރުގެ ގޭމްސްގެ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި އޮތްއިރު ގޯލްޑް ކޯސްޓުގެ ކުރިން 2014 ވަނަ އަހަރުގެ ގޭމްސް އޮންނާނީ ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ. ފީފާ ވޯލްޑް ކަޕް 2022 ގައި ބޭއްވުމުގެ ފުރުސަތު ގެއްލުނު އޮސްޓްރޭލިއާ އިން ވަނީ 2003 ގެ ރަގްބީ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ މިލޭނިއަމް އޮލިމްޕިކްސް ވެސް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ