ސުޕްރީމް ކޯޓުގެ ނިންމުމާ ބެހޭގޮތުން ހައި ކޯޓުގައި ވާހަކަ ދައްކަން ނަޝީދުގެ ވަކީލުން ހުށަހަޅުއްވައިފި

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުގެ އެންމެ ކުޑަ އަޣުލަބިއްޔަތުން ކަނޑައަޅައި މިދިޔަ މަހު ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ބެހޭގޮތުން ހައި ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ނަޝީދުގެ ވަކީލުން އެދިވަޑައިގެންފި އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ޖިނާއީ ދައުވާކުރުމުން، ހުޅުމާލޭ ކޯޓުގެ އިޖުރާއީ ކަންކަން ރަނގަޅު ނޫން ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި ވަނީ މައްސަލައެއް އިސްތިއުނާފްކޮށްފަ އެވެ. އަދި ހައި ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ، ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ބުނެ ހުށަހެޅި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމައި އެއީ ސައްހަ ކޯޓެއް ކަމަށް ކަނޑައަޅާފަ އެވެ. ނަޝީދުގެ ވެބްސައިޓްގައި މިރޭ ޝާއިއުކުރި ބަޔާނެއްގައި، ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު ހިސާން ހުސެންއާ ހަވާލާދީ، ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ނަޝީދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާ ގުޅުން ހުރި ނިންމުމެއް ކަމަށެވެ. އަދި ހައި ކޯޓުން ބަލަމުންދާ މައްސަލައިގައި އެ ނުކުތާތަކާ މެދު ހުކުމެއް ކުރުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ގުޅޭގޮތުން ހައި ކޯޓުގެ ޝަރީއަތުގައި ނަޝީދުގެ ފަރާތްޕުޅުން ދައްކަން ޖެހޭ ވާހަކަ އެބަހުރި ކަމަށާއި އެ ފުރުސަތު ދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް ހިސާން ވިދާޅުވި ކަމަށް ވެސް ބަޔާނުގައިވެ އެވެ. ނަޝީދުގެ ތަރުޖަމާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއާ ހަވާލާދީ ބަޔާނުގައި ވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޚަސްމެއްގެ ފަރާތުން ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިއްޖެނަމަ އެ ފުރުސަތު ނުދީ މައްސަލަ ނިންމުމަކީ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފު ކަމެއް ކަމަށެވެ. "ޝަރީޢަތުގައި ބެލެމުންދާ މައްސަލައެއްގެ އެއް ޚަސްމަކީ ރައީސް ނަޝީދު ކަމުގައި ވިޔަސް ޝަރުއީ ނިޒާމުގެ ތެރެއިން ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދެއްކުމަށް ފުރުސަތު ލިބިގެން ނޫނީ އެމައްސަލައެއްގައި އަދުލު އިންސާފު ގާއިމު ނުކުރެވޭނެކަމަށް ގާނޫނީ ދާއިރާގެ އެންމެންނަށް ވެސް އެގޭނެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ލޯޔަރުން ދައްކަން ހުރި އެންމެހައި ވާހަކަތައް އަޑުއެއްސެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވާނެ،" މާރިއާ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ