އަންނަ ރިޔާސީ އިންތިހާބުގައި ވިލާގެ މުވައްޒަފުން ތިބީ އެ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމާއެކު ކަން ހާމަކޮށް އެ މަނިކުފާނަށް ތާއީދު ހޯދައި ދިނުމަށް ހާއްސަ ހަފުލާއެއް ރޭ ބާއްވައިފި އެވެ.
ވިލާގެ ސަން އައިލެންޑް ރިޒޯޓާއި، ފަން އައިލެންޑް ރިޒޯޓްގެ އިތުރުން ވިލާ އެއާއިން އިސް ނަގައިގެން ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދެވެ. އެ ހަފުލާގައި ހުސެން ވިދާޅުވީ، "ފެންނަމުން މިދަނީ، ގޯނިގޯންޏަށް ފައިސާ އަޅައިގެން ފައިސާ ބަހައިގެން މި ރިޔާސީ އިންތިހާބު ވަކިގޮތަކަށް ބައްޓަން ކުރަން ބޭރުގެ މީހުން މަސައްކަތް ކުރަމުންދާ މަންޒަރު" ކަމަށެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން ބައެއް ކަމެއް ހުސެން ވިދާޅެއް ނުވެއެވެ. ހުސެން ވަނީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމާއި ރައްޔިތުންނާއި ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ވިލާ ގްރޫޕްގެ ޗެއާމަން، ގާސިމް އިބްރާހީމަށް ވިލާ ގްރޫޕްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތާއީދު އޮތްކަން ހާމަ ކުރުމަށް ރޭ ސަން އައިލެންޑް ރިޒޯޓްގައި ބޭއްވި ހަފުލާގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
އޭގެ ތެރެއިން ޝުއޫރު ފާޅުކޮށް ވާހަކަ ދެއްކި ވިލާ ކުންފުނީގެ މުވައްޒަފުން ބުނީ ވިލާގެ މުވައްޒަފުން ތިބީ ގާސިމާއެކު ކަމަށާ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ވިލާގެ މުވައްޒަފުންނަށް މުސާރަ އާއި އެހެނިހެން އިނާޔަތްތައް ނުދޭ ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދީ އެ މުވައްޒަފުން ބުނެފައި ވަނީ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.
ރޭ ސަން އައިލެންޑް ރިޒޯޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވަނީ ގާސިމްގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި ތަފުސީލަށް ވަޑައިގެންފަ އެވެ. އެގޮތުން ތަޢުލީމީ ދާއިރާއިން މީހުން ބިނާކޮށް، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައި ދެއްވުމަށް ގާސިމް ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލެއްވި އެވެ.
ވިލާގެ މުވައްޒަފުން ވަނީ ޖޭޕީގެ "ޖުމްހޫރީ ކެންޕެއިން" އަށް ފަނޑްރެއިޒް ކުރުމުގެ ހަރަކާތެއްވެސް ރޭ ފަށާފަ އެވެ. މީގެ ކުރިންވެސް ގާސިމަށް ތާއީދު ހޯދައި ދިނުމަށް "މަވެސް ދިހައެއް" ނަމުގައި މުވައްޒަފުން ވަނީ ކެމްޕޭނެއް ފަށައިފަ އެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދައިދޭން ވިލާގެ މުވައްޒަފުން ހާފުލާއެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ