މިވަގުތު ޖަލްސާތައް މަޖިލީހުގެ ޗެމްބަރުގައި ބޭއްވުމަކީ ނާތަހުޒީބު ކަމެއް

މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބޭއްވުމަކީ ނާތަހުޒީބު ކަމެއް ކަމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކޮވިޑް އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް މީގެކުރިން ބާއްވަމުން ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލިސް ކުރާ ގޭގައި މާދަމާ އިން ފެށިގެން ޖަލްސާތައް ބާއްވަން މިހާރު ވަނީ ނިންމާފައެވެ.
ލޮކްޑައުން އުވާނުލަނީސް މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ފަށާތީ ބައެއް އާންމުން ވެސް ސުވާލުތައް އުފައްދަމުންދާއިރު، ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ވަރަށް ބިކަހާލުގައި ބަސް އަހައިގެން ގެތަކުގައި ތިއްބާ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވަން ފެށުމަކީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ދައްކާ ވަރަށް ނާތަހުޒީބު މަގެއް ކަމަށެވެ.
"ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނު ވީޑިއޯ އިން ފާސްކުރެވޭ ކަމަށް ވާނަމަ، ގާނޫނު އަސާސީ އިސްލާހު ވެސް ކުރެވެން ވާނެ" ދީދީ ވިދާޅުވިއެވެ.
މާދަމާގެ ޖަލްސާ އަށް ވަނީ މި އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހިފައިވާތީ ގާނޫނުއަސާސީ އަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ވަނީ އެޖެންޑާކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މަޖިލިސް ކުރާ ގޭގައި ބާއްވާ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ.
އެގޮތުން ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެކަށައަޅައި އަންގާފައިވާ ދުރުމިނުގައި އަދި އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް މަޖިލީހުން ބުނެއެވެ.
އަދި ވަކި އިންތިޒާމެއްގެ ދަށުން މެމްބަރުން ވަދެވަޑައިގެން ވޯޓުލުމުގަައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލަމުން ނުކުމެވަޑައިގަތުމުން ބާކީ ތިއްބެވި މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން މަޖިލިސް ކުރާ ގޭގެ މާލަމުގައި ތިބޭނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި ޖަލްސާތައް ކުރިއަށްދާއިރު، މެމްބަރުންނާއި މުވައްޒަފުން ތިބޭނީ މާސްކް އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ