ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކަށް އިތުރުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
މިބިލް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތައާރަފްކޮށް ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗްގައި ކުރިންވެސް ހަތް މެންބަރުން ތިއްބެވި އެވެ. ނަމަވެސް ކޯޓުތަކާ ބެހޭ ގާނޫނަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2014 ވަަނަ އަހަރުގެ ތެރޭގައި ގެނެވުނު އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ވަނީ ފަހަކަށް ދަށްކޮށްފަ އެވެ.
މަޖިލީހަށް މިއިސްލާހު އޭރު ހުށަހެޅުއްވީ ވެސް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.
ފަނޑިޔާރުންގެ ބެންޗު ކުރިން އޮތް އަދަދަށް އިތުރުކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވަނީ 2014 ވަނަ އަހަރު ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށްވާތީ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުރިން އޮތް އަަދަށް އިތުރުކުރަން ހުށަހަޅުއްވާ ކަމަށްވެސް އާޒިމްގެ އިސްލާހުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ދައްކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ