އާޒިމާ އާއި އަނިލްގެ ބަރުދަނަށް ރަންއެޅިއަސް ސިޔާދުގެ ކުށެއް ނުދެއްކޭނެ: އަބްދުﷲ

ސިޔާދު ޤާސިމް ހައްޔަރު ކުރުމަކީ މި ސަރުކާރުން ކުރި ބޮޑުކުށެއް ކަމަށާއި، އާޒިމާ އާއި އަނިލްގެ ބަރުދަނަށް ރަން އެޅިއަސް އެ ކުށުގެ ކައްފާރާ ނުދެއްކޭނެ ކަމަށް، ކުރީގެ މާފަންދު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަހީމް ވިދާޅުވެއްޖެ އެވެ.
އަބުދުﷲ އަބުދުއްރަހީމް މިހެން ވިދާޅުވީ، ޖޭޕީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ޤާސިމް ނުހައްގުން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 60 ދުވަސްވުމާއި ގުޅިގެން، ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، ސިޔާދު ޤާސިމް އަކީ ކިޔަމަންތެރި ޒުވާނެއް ކަމަށާޢި، އޭނާ ހައްޔަރުކޮށްގެން ގެންގުޅެމުން ދަނީ އެއްވެސް ކުށެއްނެތި ކަމަށެވެ. އަދި އެކަމަކީ ވިލާ ކުންފުނި ފުނޑާލުމަށް ބަޔަކުމީހުން ރާވައިގެން ހިންގަމުންދާ ކަންކަން ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ސިޔާދުގެ ކުށެއް ދެއްކުމަށް ބަންޑާރަނައިބު މުހައްމަދު އަނިލް އާއި، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ ބަރުދަނަށް ރަން އެޅިނަމަވެސް، އިންސާފުން ޝަރީއަތެއް ކޮށްފިނަމަ ސިޔާދު ކުރިކުށެއް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރަށް އޭނާ ވިދާޅުވީ، ސިޔާދަށް ދެމުންދާ އަނިޔާއިން ދިވެހި ސަރުކާރަކަށް ސަލާމަތެއް ނެތް ކަމަށާއި، ސިޔާދަކީ ޤައުމުގެ އިޤްތިސޯދަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެވަމުން ގެންދަވާ ޒުވާން ވިޔަފާރިވެރި އެއް ކަމަށްވެސް ވިދާޅުވި އެވެ.
އަބުދުﷲ އަބުދުއްރަހީމް އިތުރަށް ވިދާޅުވީ، މިސަރުކާރުން ގެންގުޅެމުންދަނީ ޒުވާން ވިޔަފާރިވެރިންނާއި ޖައްސާލުމުގެ ސިޔާސަތެއް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ، ޚާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ޢިލްމީ ބޭފުޅުން ކުރަމުންދާ މަސައްކަތުން މި ސަރުކާރުގެ ކޮރަޕްޝަންތައް ދިރާސާކޮށް ފަޅާއަރުވާލަމުންދާތީ ކަމަށެެ.
އެހެންކަމުން އެފަދަ ޒުވާނުން ކުއްވެރިކުރުމުގެ މަސައްކަތް މިސަރުކާރުން ކުރާނެ ކަމަށާއި ސިޔާދު ޤާސިމްވެސް ހައްޔަރުކޮށް ގެންގުޅެނީ އެ ބީދައިން ކަމަށްވެސް އަބުދުﷲ އަބުދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ