ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް މިނިވަންކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރު ކޮށްފިއެވެ.
އިބްރާހިމް ސިޔާދު ގާސިމް ކޯޓަށް ހާޟިރުކޮށް އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ފެށީ މިއަދު މެންދުރުފަހު 3:30 އެހާއިރުއެވެ.
ކޯޓުން އެމަނިކުފާނު މިނިވަންކުރީ ޝަތުރުތަކަކާ އެކުގައި ކަމަށް ވެއެވެ. އެހެން ނަމަވެސް، ސިޔާދުއާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލުންވެސް އަދި ތިއްބެވީ ކޯޓުގައި ކަމުން އެކަމުގެ ތަފްސީލް އަދިވަނީލިބޭގޮތް ނުވެފައެވެ.
އިބްރާހިމް ސިޔާދު ގާސިމް ކްރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުން ދޫކޮށްލުމަށް ކޯޓުން މިއަމުރުކުރީ، 5 މަހާއި 13 ދުވަހު ޖަލުބަންދުގައި ބެހެއްޓުމަށްފަހުއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިއަހަރުގެ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.
ފުލުހުން އެދުވަހު ކުއްލިގޮތަކަށް ވިލާ ހައުސް އިމާރާތަށްވަދެ އެ އިމާރާތް ފާސްކުރުމަށްފަހު އިބްރާހިމް ސިޔާދު ގާސިމް ފުލުސް އޮފީހަށް ގެންގޮސްފައިވަނީ ވިލާ ހައުސްގެ ހަވަނަ ފަންގިފިލާގައި ހުންނަވަނިކޮށެވެ.
އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށްފަހު މާޗުމަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕާފުޅު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މިއަހަރުގެ މެއިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ. އެހެން ނަމަވެސް، ދައުވާ އިއްވުމުން ސިޔާދުވަނީ އެދުވަހު ދައުވާއަށް އިންކާރު ކުރައްވާފައެވެ.
އިބްރާހިމް ސިޔާދު ގާސިމް މިނިވަންކޮށް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މައިދާނުގެ އެކިއެކި ބޭފުޅުން އެކަމަށް މަރްހަބާ ވިދާޅުވަމުން އެބަގެންދަވައެވެ.
އިބްރާހިމް ސިޔާދު ގާސިމް މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ