ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހްތައް ގެނެސްފިނަމަ ރާއްޖެ އުތުރު ކޮރެއާއަށްވެ ނިމުނީ: ގާސިމް

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްތައް ގެންނަން ހެޔޮވެސް ނުވާނެ ކަމަށާއި، އެ އިސްލާހްތައް ގެނެސްފިނަމަ މުޅި ގައުމާއި، ހުރިހާ ރައްޔިތުންވެސް އަޅުވެތިވެ ނިމުނީކަމަށް ނުވާނެތޯ، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ސުވާލު ކުރައްވައިފިއެވެ.
ގާސިމް އިބްރާހިމް ވަނީ، ގާނޫނުލްއުގޫބާތަށް މިއިސްލާހްތައް ގެނައުމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފްވުން ނޫންތޯވެސް ސުވާލު ކުރައްވައިފައެވެ.
މިކަމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ދިވެހިރާއްޖެ އުތުރުކޮރެއާއަށްވެ ނިމުނީ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވެފައި ވެއެވެ.
ގާނޫނު ނަންބަރު 2014/9 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހް ގެނައުމަށް ސަރުކާރުގެ ފަރާތުން ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވާފައިވަނީ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ.
މިބިލް މިހާރުވަނީ މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން ދިރާސާވެސްކޮށް މަޖިލީހުގެ ތަޅުމަށް ފާސްކުރަން ހުށަހަޅާފައެވެ.
މިބިލް ސަރުކާރުގެ ފަރާތުން ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ގާނޫނުލްއުގޫބާތުގެ ގާނޫނުން ފާހަގަކުރެވިފައިވާ ގާނޫނީ ހުސްކަންތައްތަކާއި، އެ ގާނޫނުގައި ހިމެނިފައިނުވާ މުހިންމު ބޮޑެތި ކުށްތައް ތަފްސީލީ ގޮތެއްގައި އެ ގާނޫނުގައި ހިމެނުމާއި، ދިވެހިރާއްޖޭގައި ކުށްކުރުމުގެ ޒާތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް އެ ގާނޫނުން ކަނޑައެޅޭ އަދަބުގެ މިންވަރު ޒަމާނަށް ފެތޭގޮތަށް އަލުން މުރާޖައާކޮށް އިސްލާހް ކުރުމަށެވެ.
އެގޮތުން، ސަރުކާރުން ހުށަހެޅި ބިލްގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި، އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހްތައް ހުށަހެޅުމުގެ އިތުރުން، ނަސްލީ ތަފާތުކުރުމުގެ ކުށް ކަނޑައެޅުމާއި، ހުޅުޖެހުމުގެ ކުށް ކަނޑައެޅުމާއި، އުފަންވާ ކުޑަކުދިން ވަގަށް ނެގުމާއި ފޮރުވުމުގެ ކުށް ކަނޑައެޅުމާއި، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ކަނޑައެޅުމާއި، ރަޔަޓްކުރުމާއި މަދަނީ ހަމަނުޖެހުން ހިންގުމުގެ ކުށް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ އިގްތިސާދަށް ގެއްލުންދިނުމުގެ ކުށް ކަނޑައެޅުމާއި، ރަމަޟާންމަހު ރޯދަނުހިފުމާއި، ބަނގުރަލާ ގުޅުންހުރި ކަންކަމާއި، އޫރުމަސް ކެއުމާއި، ޖުވާކުޅުމާއި، ސިހުރުހެދުމުގެ ކުށް ކަނޑައެޅުމާއި، އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހިންގުމުގެ ކުށް ކަނޑައެޅުން ހިމެނެއެވެ.
މީގެއިތުރުން، ގާނޫނުލްއުގޫބާތުގެ 810 ވަނަ ބާބު، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލުތައް ކަނޑައެޅުމާއި، ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށް ކަނޑައެޅުމާއި، ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުގެ އަމަލެއް ފޮރުވުމުގެ ކުށް ކަނޑައެޅުމާއި، ޖާސޫސްކުރުމުގެ ކުށް ކަނޑައެޅުމާއި، ދައުލަތާ ދެކޮޅަށް ހަރަކާތް ހިންގުމަށް ކުލީ ސިފައިން ހޯދުމުގެ ކުށް ކަނޑައެޅުމާއި، ބަޣާވާތް ކުރުމާއި، ސަރުކާރު ވައްޓާލަން ރޭވުމާއި، ދައުލަތުގެ އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައްވެސް އިސްލާހްގައި ހިމަނާފައި ވެއެވެ.
އަދި މިއިސްލާހްތަކާ ގުޅިގެން ގާނޫނުލްއުގޫބާތުން ބައެއް މާއްދާތައް އުވާލަންވެސް ހުށަހަޅާފައި ވެއެވެ.
ގާނޫނުލްއުގޫބާތުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްތަކުގައި ގާނޫނުލް އުގޫބާތުގެ 510 އިސްލާހް ހުށަހަޅާފައިވާތީ، މިކަމާ އެކިއެކި ގާނޫނީ ފަރާތްތަކުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާން ކުރާ މާއްދާއެވެ. އެހެންކަމުން، އެ މާއްދާ މިހާރު ހުށަހަޅާފައިވާ ގޮތަށް އިސްލާހްކޮށްފިނަމަ ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މާއްދާ އުވި، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ނޫންކަމަށް ކަނޑައެޅިގެންދާނެ ކަމަށްވެސް ގާނޫނީ އިލްމުވެރިން ވިދާޅުވަމުން އެބަގެންދަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ