ގާސިމް ހައްޔަރުކުރީ އޮޅުމަކުން ނޫން، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ: މައުމޫން

ދައުލަތުގެ މުއައްސަސާތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ އޮޅުމަކުން ކަމަށް ބުނެ ޒިންމާއިން ސަލާމަތް ނުވެވޭނެ ކަމަށާއި ގާސިމް ހައްޔަރުކުރުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމުގައި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި މިއަދު ހެނދުނު ވާހަކަދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް ހައްޔަރުކުރެއްވީ ދައުލަތުގެ މުއްސަސާތަކަށް އެރި އޮޅުމެއްގެ ތެރެއިން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން މިކަމުގައި ޝާމިލުވި އެންމެން ހޯދައި އެ އެންމެން ޒިންމާދާރުކޮށް އެބޭފުޅުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވިދާޅުވީ ގާނޫނީ ހަމަތަކަށް ބަލާއިރު ކޮންމެ ރައްޔިތަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށެވެ. އެހެންކަމުން މުއައްސަސާތަކަށް އޮޅުންއަރައިގެން ރައްޔިތެއްގެ މިނިވަންކަމާއި ގާނޫނީ ހައްގަށް އަރައިގަތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.
ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހާ ރައްކާތެރިކަމެއް އެނމްެނަށް ހަމަހަމަ ކމާއެކު ލިބިދޭންޖެހޭއިރު ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ބެހެއްޓުނީ ގާނޫނު ނޭނގޭތީ އޮޅުމަކަުން ކަމަށް ވިދާޅުވީނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް ގާނޫނު ނޭނގި އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އޮޅުމަކުން ކަމަށް ވިދާޅުވާ ވިދާޅުވުން އެއީ އުޒުރެއް ކަމުގައި ވެސް ބަލައިނުގަނެވޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ