ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.
އިލެކްޝަަންސް ކޮމިޝަނުން ބުނީ އެގޮތަށް ނިންމާފައި ވަނީ ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށާއި ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި 12 ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމެވީ އެކޮމިޝަނުންނެވެ. މިހާތަނަށް އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިގައިފައި ވާކަމަަކަށް ސްޕްރީމްކޯޓުން ކަނޑައަޅާފައި ނުވި ނަމަވެސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން އެ 12 މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަނަ ނުދީ ހިފަހައްޓަމުން ދާތާ ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ.
އެމެމްބަރުން ވިދާޅުވެފައި ވަނީ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ސިފައިން ހިފަހައްޓަމުން ގެންދިޔައީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން އަންގާފައިވާތީ، އެމެމްބަރުން މަޖިލީހަށް ވަނަ ނުދިނުމަށް މަޖިލީހުގެ ރިޔާސަތުން ސިފައިންނަށް އަންގަވާފައިވާތީ ކަމުގައެވެ. އެހެންކަމުން މިއަދު އިލެކްޝަންސް ކޮމިޝަނުން ނިންމި މިނިންމުމާއި ގުޅިގެން ދެން އެ 12 މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަހެއް ނޯންނާނެ ކަމުގައިވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި މެމްބަރުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ދެން އެންމެ އަވަހަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްްސާއަކަށް އެ ހުރިހާ މެމްބަރުން ހާޟިރުވެ ވަޑައިގަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ގެއްލުނު ކަމަށް ނިންމައި މިއަހަރުގެ އޭޕްރީލް މަހު ބައި-އިލެކްޝަން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ހާމަކޮށް އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖައްސައި ދިނުމަށްވެސް އެދުނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ގެއްލުވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އެ މެމްބަރުން ސޮއެ ކުރެއްވުމުންނެވެ. އޭގެ ފަހުން އެމެމްބަރުން ވަކިކޮށްފައި ވަނީ ސްޕްރީމްކޯޓުން 13 ޖުލައި 2017ގައި ނެރުނު އަމުރާއި ގުޅިގެން ކަމަަށް ބުނި ނަމަވެސް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް ސްޕްރީމްކޯޓަށް ހުށައެޅުނު އެއްވެސް މައްސަލައެއްގައި އެކޯޓުން މިހާތަނަށް ނިންމާފައެއް ނުވެއެވެ.
ސްޕްރީމް ކޯޓުން 1 ފެބުރުއަރީ 2018 ގައި ނެރުނު އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމުގައި ކަނޑައެޅުމަށް ފަހު، މެމްބަރުންގެ ގޮނޑިގެއްލުނު ކަމަށް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރިން ރިއާޔަތް ކުރި 13 ޖުލައި 2017 ގެ އަމުރުވެސް ބާތިލް ކުރިއެވެ. އެހެން ނަމަވެސް ސަރުކާރުން 6 ފެބުރުއަރީގައި ކުއްލި ހާލަތު އިއުލާނުކޮށް ފަނޑިޔާރުން ހައްޔަރު ކުރުމަށް ފަހު 1 ފެބުރިއަރީގެ އަމުރުގެ ބައެއް ބައިތައް ބާޠިލް ކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ކުރިން ކަނޑައެޅި 12 މެންބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއާއި، ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށް ގުޅިފައިވާ ޕާޓީތަކުން އަބަދުވެސް ދިޔައީ ބުނަމުންނެވެ.
12 ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމި ނިންމުން ބާޠިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ