ޑރ. އަލަކާ ސިންގް ނަމަކަށްކިޔާ އިންޑިއާ ރައްޔިތަކަށް 150،000 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުން މިއަދުކުރި ހުކުމާ ގުޅިގެން އެމަނިކުފާނު ވަކި ފަރާތަކަށް ދައްކަންޖެހިފައިވާ ކަމަށް ބުނާ ފައިސާއެއްގެ ވާހަކަ، ތަފާތު އެކި ގޮތްގޮތަށް ދެކެވެމުންދާތީ ކަމަށް ވިދާޅުވެ މީޑިއާއަށް އާންމު ކުރެއްވި ބަޔާނެއްގައި މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ، ސިވިލް ކޯޓުން މިއަދުގެ ހުކުމަކީ، މުގާބިލެއްނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންފީޛް ނުކުރެވޭނެ ކަމަށް ބުނާ ޝަރުއީ ހުކުމްތަކާއި، އެނޫންވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފް ހުކުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެހެންކަމުން، އެހުކުމް އިސްތިއުނާފް ކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދަން ގަސްތުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މިމައްސަލައިގެ ދައުވާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން މުހަންމަދު ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ، ދައުވާކުރި ފަރާތާއި، އެމަނިކުފާނާ ދެމެދު އަހަރުތަކެއް ވަންދެން އޮތް ރަހްމަތެރި ކަމެއްގައި، އެފަރާތުން އެހެން ފަރާތަކާއެކު ހިންގަން ބޭނުންވި ވިޔަފާރި މުއާމަލާތެއްގައި އޭނާ އެދުނު މިންވަރަށް އެ ވިޔަފާރި މުއާމަލާތުން ފައިސާ ނުލިބޭތީ، އޭގެ ބޭރުން، މަދުވާ އަދަދުގެ ފައިސާ ފަހަރުގައި ހަމަޖައްސާނެ ގޮތެއް ހޯދާދޭންވީ އެމަނިކުފާނު ކަމަށްބުނެ، އެފަރާތަށް އެހީތެރިވެދިނުމުގެ ގޮތުން، ހެޔޮނިޔަތުގައި، މުގާބިލެއްނެތި، އަމިއްލަ އިސްނެގުމުގައި، ލިޔުއްވި އީމެއިލެއްގެ މައްޗަށް އެކަނި ބިނާކޮށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.
އީމެއިލްގައި ފާޅުކުރި ޚިޔާލަކީ ގާނޫނީގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނޫން ކަމަށާއި، އެއީ ޒިންމާއެއް، އިލްތިޒާމެއް އުފައްދާ ހުށަހެޅުމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
"މިއީ، އެ ހުށަހެޅުމަކީ އޯގާތެރިކަމުގައި ހުށަހެޅި އިހްސާންތެރި ހުށަހެޅުމެއް ކަމަށް ބަލައިގަންނަ ކަމަށާއި، އެކަމަށް ޝުކުރުވެރިވާ ކަމަށް އޭނާ އަޅުގަނޑަށް އީމެއިލުން ޖަވާބު ދީފައި އޮވެމެ، އަޅުގަނޑުގެ އީމެއިލްގައި ފާޅުކުރި ޚިޔާލުތައް ފާޅުކުރިފަހުން ހިނގާދިޔަ އެހެން ކަންކަމުގެ ސަބަބުން އަޅުގަނޑު ފާޅުކުރި އެ ޚިޔާލު ބާތިލުވެދިޔަފަހުން، އޭނާ ކޮށްފައިވާ ގާނޫނީ ހަމައެއްނެތް ދައުވާއެއް. އެއީ، އެއްގޮތަކަށްވެސް މީހެއްގެ އަތުން އަޅުގަނޑު ގަތް މުދަލަކަށް ނުވަތަ ހޯދި ޚިދުމަތަކަށް އަގު ނުދީގެން ނުވަތަ މީހެއްގެ އަތުން ނެގި ދަރަންޏެއް ނުވަތަ ފައިސާއެއް އަނބުރާ ނުދައްކައިގެން ނުވަތަ މީހެއްގެ ފައިސާގައި ޖެހިގެން ކުރި ދައުވާއެއްނޫން" މުހަންމަދު ނަޝީދުގެ
މުހަންމަދު ނަޝީދުގެ ބަޔާނުގައި، މިކަން ހިނގާފައިވާ ގޮތާގުޅޭ ލިޔެކިއުންތައް ބަލަން ބޭނުންވާ ނޫސްވެރިންނަށް އެކަމަށް ދައުވަތުވެސް ދެއްވާފައި ވެއެވެ.
އިންޑިއާ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގް ނަމަކަށް ކިޔާ މީހާ ނަޝީދުގެ މައްޗަށް ދައުވާކުރީ އަލަކާ އިންވެސްޓްކޮށްފައިވާ "ބަރުތީލަ" ކިޔާ ކަނޑު އުޅަނދެއް އަލަކާ ބޭނުންވި އަގަށްވުރެ ކުޑަ އަގެއްގައި ވިއްކާލުމުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ދައުވާގައި ބުނެފައިވަނީ ހަތަރުލައްކަ ޑޮލަރަށް އުޅަނދު ވިއްކާލުމަށް ނިންމުމަށްފަހު އުޅަނދު ވިއްކާލީ 250،000 ޑޮލަރަށް ކަމަށެވެ. އެހެންކަމުން އަލަކާއަށް ގެއްލުންވި 150،000 ޑޮލަރަކީ އޭނާއަށް ލިބެންޖެހޭ އެއްޗެއް ކަމަށާއި އެފައިސާ ދެއްކުމަށް ނަޝީދު ވަނީ އެއްބަސްވެފައި ކަމަށްވެސް ދައުވާގައިވެއެވެ.
ދައުވާއަށް އިންކާރު ކުރަމުން ނަޝީދުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، ދައުވާކުރާ ފަރާތުން ބުނާފަދަ ޒިންމާއެއް ނަގަންޖެހޭގޮތަށް އޭނާ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ.
މިމައްސަލާގައި ސިވިލް ކޯޓުގެ ގާޟީ މުހައްމަދު ހަލީމް ކުރައްވާފައިވާ ހުކުމްގައި ބުނެފައިވަނީ، ބަރުތީލަ ވަކި އަދަދަކަށް ވިއްކާލަން ނިންމުމަށްފަހު އެއަށްވުރެ ކުޑަ އަގެއްގައި ވިއްކާލީ ވިއްކާލަން އެއްބަސްވި އަސްލު އަދަދުން މަދުވާ ފައިސާ ނަޝީދު ދައްކަވާ ގޮތަށްކަން ނަޝީދު ފޮނުއްވާފައިވާ އީމެއިލްއަކުން އެނގޭ ކަމަށެވެ.
އެހެންކަމުން މިފައިސާ މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ވަނީ ނަޝީދުގެ މައްޗަށް ހުކުމްކޮށްފައި ވެއެވެ.
ކޯޓުގެ ހުކުމް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފް، ހުކުމް އިސްތިއުނާފް ކުރާނަން: މެމްބަރު ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ