ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކުރީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުން މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ރިޔާޒުގެ މައްޗަށް މިދައުވާ އުފުލީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން އޭނާ ހިފަހެއްޓުމަށްފަހު އޭނާގެ ތަހުގީގުގައި ކޯޓު އަމުރެއްގެ ދަށުން ފޯން ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ އެވެ.
މިމައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރީ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. މިގޮތަށް ހުކުމް ކުރުމާ އެކު މައްސަލަ ބެއްލެވި ގާޒީ ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.
ރިޔާޒު ޖަލަށް ލުމަށް ހުކުމްކުރި އިރު އޭނާ ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖަލުގައި ހައްޔަރުކޮށްފަ އެވެ. އަދި ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުކޮށް ރިޔާޒުގެ މައްޗަށް ޓެރަރިޒަމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ރިޔާޒު ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް ރިޔާޒުގެ މެންބަރުކަން ގެއްލިގެން ނުދާނެ އެވެ. އެކަމަކު އެ ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
ރިޔާޒު ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ