ބޮޑު ތިން މަރުގައި މިހާރުވެސް ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް: ނަޝީދު

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް ބަލާފައިވާ އެންމެ ބޮޑު ތިން މައްސަލާގައި ޖިނާއީ ދައުވާ ނުކުރެވޭންވީ ސަބަބެއް ސާފުނުވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަރުތަކުގެ އަޑި ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ތަހުގީގުތައް ފުރިހަމަ ކުރެވެން ނެތް ކަމަށް ބުނެ މަޖިލީހުގެ ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފަ އެވެ. ސަބަބެއްގެ ގޮތުގައި ކޮމިޝަނުން ބުނެފައި ވަނީ މަރުތަކުގެ ރިޕޯޓްތައް މަޖިލީހުގެ ތެރެއިން އާންމުވުމެވެ. ރިޕޯޓްގެ ގިނަ ބައިތައް އާންމު ކުރެއްވީ ނަޝީދެވެ. ރިޔާސަތުގައި އިންނަވައިގެން ރިޕޯޓްގައި ފާހަގަކޮށްފައިވާ އެކި ބޭފުޅުންގެ ނަންނަމާއި، ކުރެވޭ ތުހުމަތުތައް ނަޝީދު ވަނީ ވިދާޅު ވެދެއްވާފަ އެވެ.
މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން ރަައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅިގެން އެ މަނިކުފާނުގެ ކަންބޮޑުވުންތައް މަޖިލީހުގެ 241 ކޮމިޓީ އާ ހިއްސާކުރައްވައި، މިއަދު ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.
ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަރު ކޮމިޝަނުން ފޮނުވި ސިޓީގައި ޑރ. އަފްރާޝީމް އަލީ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އަހްމަދު ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބީ އިސްލާމްދީނުގެ ނަމުގައިި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކެއްކަން ފާހަގަކުރެވޭ ކަމަށާއި އަދި އަމަލީގޮތުން އެކަން ހިންގުމުގައި ބައިވެރިވެފައި ވަނީ މާލޭގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ މީހުން މެދުވެރިކޮށް ކަމަށް ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އެގޮތުން ޑރ. އަފްރާޝީމް މަރާލީ ޝިރުކުކުރި ކަމުގެ ތުހުމަތުގައި ކަމަށާއި، ރިލްވާނު ގެއްލުވާލައި ޔާމީން މަރާލާފައި ވަނީ އިސްލާމް ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
"ބުނެވިދިޔަ ކަންކަން ކޮމިޝަނަށް ފާހަގަވާނަމަ، ކޮމިޝަނަށް އެ ފާހަގަވަނީ އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ޖިނާއީ އަމަލެއް ހިންގާފަައިވާކަން ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާކަމެވެ. ކަން މިހެން އޮތްއިރު، އެ އަމަލާ ގުޅިގެން ނުވަތަ އެ ކުށާ ގުޅިގެން އެ އަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ނުވަތަ އެ ކުށް ކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބަކީ ކޮބައިކަން ސާފެއް ނުވެ އެވެ،" ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރަކީ ހަމައެކަނި ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރުކަމާއި، އެހެންކަމުން އެ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ކަަމަކާ ގުޅިގެން އެމީހުން ހައްޔަރުކުރެވޭ ފަދަ ހެއްކާއި ގަރީނާ ލިބިގެން މެނުވީ ކޮމިޝަނުން އެމީހުން ހައްޔަރުކުރުމުގެ ފިޔަވަޅު އެޅުމަކަށް ގާނޫނު ތަން ނުދޭކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ކޮމިޓީއަށް ފޮނުއްވި ސިޓީގައިވެ އެވެ.
"އެހެން ނަމަވެސް ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައަކާ ގުޅިގެން ކޮށްފައިވާ ކަންކަމާއި، މައްސަލައިގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާއިރު، އަޅުގަނޑުގެ ނަޒަރުގައި ޑރ. އަފްރާޝީމް އަލީގެ މަަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މި މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓާއި، އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާ ގުޅޭގޮތުން މި މަޖިލީހާ ހިއްސާކޮށްފައިިވާ ހުލާސާ ރިޕޯޓުގައި ފާހަގަކޮށްފައިިވަނީ އެ ދެ މައްސަލައިގެ ތެރޭގައި ވެސް ހިމެނޭ ކަންކަމެވެ." ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކާއި ހެކިބަސްދޭން ތިބި ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް، ސުވާލުކުރިކަމަށް ތުހުމަތުކޮށް، އަދި އެކަމުގެ ސަބަބުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހިނގަމުންދާ ޝަރީއަތަށް ހެކިބަސްދޭން ތިބި ބަޔަކު ހެކިބަސް ދިނުމަށް އިންކާރުކުރާ ކަމަށް ބަޔާންކޮށް އެކަން ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮމިޝަނުގައި އެދިފައިވާކަމަށް، ކޮމިޝަނުގެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދެން އިތުރު އިއުތިރާފް ހެކިބަހެއް ބޭނުންވާނެ ކަމަށް ނުފެންނަ ކަމަށާއި، ހެކިބަސް ދޭން އިންކާރު ކުރާ ފަރާތްތަކުގެ ހެކިބަހާ ނުލާ ވެސް، ދައުުވާ އުފުލޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ އެ ރިޕޯޓުގައި ހިމެނޭކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވުމުން ރިލްވާންގެ އާއިލާއިން ބޭއްވި ހިންގާލުން -- ފޮޓޯ: އަވަސް އާކައިވް
މަރު ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓް އާންމުވުމާ ގުޅިގެން، ކޮމިޝަނަށް ހެކިބަސްދޭން ތިބި ބައެއް ފަރާތްތަކުން ހެކިބަސް ދޭން އިންކާރުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، މީހަކާ ދެކޮޅަށް ހިންގޭ ކުށެއްގައި، އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުުވާ އުފުލުން ބިނާވެފައި ވަނީ ބަޔަކު ދޭ ހެކިބަހެއްގެ މައްޗަށް އެކަނި ކަމުގައި ދެކެން ދަތި ކަމަށާއި، ހެކިބަސް ދޭން ތިބި ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކު ހެކިބަސް ދޭން އިންކާރު ކުރުމުން އެ މައްސަލަ ސާބިތުވާ މިންވަރަށް ޝަފަހީ ހެއްކާއި، މާއްދީ ހެކި ލިބިފައިނުވާކަމަށް ދެކެން ވެސް ދަތި ކަމެއް ކަމަށެވެ.
މީގެ އިތުރުން ޑރ. އަފްރާޝީމް އާއި ރިލްްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓަށް ރިއާޔަތްކުރާއިރު، ކޮމިޝަނުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވި ނަމަވެސް، އެ ކުށް ކުރަން އެ ފަރާތް އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެ ދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އަދި ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް، ސިޔާސީ އެކިއެކި ފަރާތްތަކާއެކު ގާތް ގުޅުމެއް އޮތް ކަން ފެންނަ ފަދަ ގޮތަކަށް ސިޔާސީ އެކިއެކި އިވެންޓުތަކުން ފެންނާތީ، އެކަމުގެ ސަބަބުން ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާމެދު އާންމުން ދެކޭގޮތް ބަދަލުވެގެންދާކަން ފާހަގަވާ ކަމަށާއި، އަދި އެއީވެސް ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ދިމާވާ ހުރަހެއް ކަމަށް މަރު ކޮމިޝަނުން ބުނެފައިވާކަމަށް ވެސް ނަޝީދުގެ ސިޓީގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
ނަމަވެސް، ނަޝީދު ވިދާޅުވީ އެ ފަރާތްތަކަކީ ކޮބައިިކަން ކޮމިޝަނުން އާންމުކޮށްފައި ނުވާކަމަށެވެ.
"އެއީ ކޮން ބައެއްކަން ސާފުވަނިކޮށް ސިޔާސީ އެކިއެކި ފަރާތްތަކާއެކު ސިޔާސީ އިވެންޓުތަކުން އެމީހުން ނުފެނި، އެމީހުން ހަގީގަތުގައި ފެންނަން ޖެހޭ ތަންތަނުން އެމީހުން ފެންނާނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މިދިއަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު، ރިލްވާންގެ މައްސަލައިގަައި ކޮމިޝަނުން އާންމުކުރި ރިޕޯޓު 241 ކޮމިޓީއަށް ލިބުމުން، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޭގެ ތަފްސީލް ރިޕޯޓު ހޯދަން ކޮމިޓީން އެދިފައިވީ ނަމަވެސް، އޭގެ ފަހުން އެއް އަހަރު ހަމަވާންދާއިރު، އެ ރިޕޯޓު ލިބިފައިނުވާތީ، ކޮމިޓީން އެކަން ބަލައި، ރިލްވާން ގެއްލުވާލި މައްސަލައިގައި ގޮތެއް ނިންމުން މުހިންމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާތީ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން އަންގާފައިވާކަމަށް ރައީސް ނަޝީދު މީގެ ކުރިންވެސް ވިދާޅުވެފައިވާއިރު، އެކަން އެ ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ. އަދި މަރު ކޮމިޝަނުން ކުރާ ތަހުގީގުތަކަށް ދޫ ނުދޭނެކަމުގެ ޔަގީންކަންވެސް ވަނީ ދީފަ އެވެ.
އެކަމާ ގުޅިގެން، ރައީސް ސޯލިހު ވެސް އިއްޔެ ވިދާޅުވެފައިވަނީ، މަރު ކޮމިޝަނުގެ ތަހުގީގުތައް ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ