ރައީސް ޔާމީން ވެރިކަމުގައި ނިންމި އަގަށް ފުލެޓު ދެވޭނެކަން އެނގޭނެ ލިޔެކިޔުން ހުންނާނެ: ޣައްސާން

ރައީސް ޔާމީން ސަރުކާރުގައި ހިޔާ މަޝްރޫޢުގެ ފުލެޓުތައް ކުއްޔަށް ދިނުމަށް ނިންމާފައިވާ އަގުގައި އެފުލެޓުތައް ކުއްޔަށް ދެވޭނެކަން ޔަޤީންވާނެ ލިޔެކިޔުމާއި ހިސާބު ސަރުކާރުގެ އިދާރާތަކުގައި ހުންނާނެ ކަމުގައި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ޣައްސާން މިފަދައިން ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފުލެޓުތަކުގެ އަގަކީ 11،000 ރުފިޔާ ކަމަށް އެޗްޑީސީގެ އެމްޑީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ޣައްސާނު ލިޔުއްވި ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީން ސަރުކާރުން ކުލީގެ ގޮތުގައި ނެގުމަށް ނިންމާފައިވަނީ 5،600 ރުފިޔާ ކަމުގައެވެ. އަދި އެކަމާ ބެހޭ ވުޒާރާތަކުގައި މިކަމާ ގުޅޭ ލިޔެކިޔުން ހުންނާނެ ކަމުގައިވެސް ޣައްސާން ވިދާޅުވެފައިވެއެވެ. މީގެ ކުރިން ހިޔާ މަޝްރޫޢަށް ފާޑުކިޔަމުން ސަރުކާރުން ބުނެފައިވަނީ އެތަންތަނަކީ މާ ސައިޒުގެ ގޮތުން ކުދި ތަންތަން ކަމުގައެވެ. ނަމަވެސް އެތަންތަނާ މާލޭގައި މީހުން ދިރިއުޅޭ އެހެން ތަންތަނާ އަޅާބަލާއިރު އެތަންތަނަކީ ބޮޑުމިނުގެ ގޮތުން ކުދި ތަންތަން ނޫންކަން އެތަންތަން ބަލައިލަން ދިޔަ ބައެއް ނޫސްވެރިންވެސް މީސް މީޑިޔާގައި ފާހަގަކޮށްފައިވެއެވެ. މިހާރު ސަރުކާރުން ބުނަމުންދަނީ އެތަނުގައި ތަށިމުށި ޖަހައި ދޮރު ހަރުކޮށް އެކަންކަން ނުކޮށްވެސް އެތަނުގެ ކުއްޔެއްގެ ގޮތުގައި 11،000 ރުފިޔާ ޖެހޭ ކަމަށެވެ. ނަމަވެސް ކުރިން ސަރުކާރުން ބުނި ގޮތުގައި އެއީ އެތަނުގެ ފިނިޝިންއަށްފަހު ޖެހޭ އަގެވެ.  އަދި 11،000 ރުފިޔާއަށް އެތަނުގެ އަގު ބޮޑުވަނީ އެތަނުގެ ސްޓްރަކްޗާއަށް ބަދަލުތަކެއް ގެނައުމުން ކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަޙްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މީގެ ކުރިން ސަރުކާރުންވަނީ އެތަންތަން 7،500 ރުފިޔާއަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމުގައިވެސް ބުނެފައެވެ. ޣައްސާނު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ކަނޑައެޅި އަގުގައި އެތަން ކުއްޔަށް ދިނުމުން އެކަން ދެކޮޅުޖެހޭ ގޮތް ސާފުވާނެ ހިސާބުތައް ކަމާބެހޭ ވުޒާރާތަކުގައި ހުންނާނެ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ