ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާއަށް އިންކާރު ކުރުމުން ޖަވާބުދާރީ ވުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ،
މިއަދު އޮތް ޝަރީއަތުގެ ދެވަނަ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއަކަށް އަދީބު ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލް މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ ހިންގުމާއި ހަވާލުވެހުރެ، އެމްއެމްޕީއާރްސީ މެދުވެރިކޮށް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، މާލެ އަތޮޅުން ފަޅެއް ކުށްޔަށް ދޫކުރިކަމުގެ ތުހުމަތުގައި ދަޢުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި ޝަރީއަހުގެ ދެވަނަ އަޑުއެހުމުގައެވެ.
ދައުލަތުން އެގޮތަށްް ބުނުމުން އަދީބު ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތުގެ ފައިސާއެއް ބޭނުން ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
އަދި ކޯޓުން ދީފައިވަނީ ދައުވާގެ ހުލާސާ ބަޔާން ކަމަށާއި އެވަރުން ދައުވާއަށް ޖަވާބުދާރީވާން އުނދަގޫ ކަމަށެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ދައުލަތުން ދައުވާ ކުރަނީ ކޮން ފަޅެއްގެ މައްސަލާގައިކަން ނޭނގޭ ކަމަށާއި، އަދީބު ނަހަމަ ގޮތުގައި މަގާމުގެ ބޭނުންކޮށްފައިވަނީ ކޮން ގޮތަކުން ކަމެއް ސާފު ނުވާ ކަމށެވެ. އަދި އެކަމުން ފައިދާ ވެފައިވަނީ ކޮން ބައަކަށް ކަންވެސް ސާފު ނުވާ ކަމަށް ސިރާޖު ވިދާޅުވއެވެ.
ސިރާޖުގެ ވާހަކަތަކާއި ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ އަބުދުﷲ މުހައްމަދު ވިދާޅުވީ ދައުވާ ކުރަނީ ކޮން ފަޅެއްގެ މައްސަލާގައިކަން ސާފުވާން ޖެހޭ ކަމަށެވެ.
ދައުލަތުން އެފަޅަށް ވަކި ނަމެއް ކިޔާފައި ނުވާ ކަމަށް ދެންނެވުމުން އެފަޅު އޮތީ ކިހާ ހިސާބެއްގައި ކަން ހުށަހަޅަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެގޮތަށް ހުށަހަޅަން ޖެހެނީ މީގެ ކުރިން އެގޮތަށް އެއް މައްސަލައެއްގައި ތަކުރާރުކޮށް ދައުވާ ކުރެވިފައިވާތީ ކަމަށް ވެސް ގާޒީ ވިދާޅުވއެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަލައިގެ މިހައި ހިސާބުން އެފަޅަކީ ކޮން ފަޅެއްކަން ނޭނގުނު ނަމަވެސް މައްސަލަ ކުރިއަށްދާ ވަރަކުން އެ ފަޅަކީ ކޮބައިކަން އެނގޭ ވަރަށް މައުލޫމާތު ހުށަހަޅާނެ ކަމަށެވެ. އަދި އެފަޅު އެބޯނި ޕްރައިވެޓް ލިމިޓެޑަށް ދިން އިރު އެއީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ފަޅެއް ނޫން ކަމަށާއި، އެ ފަޅު ދޫކުރުމަށް އެއްބަސްވުންތައް ހަދާފައިވަނީ މިނިސްޓްރީގެ ސްޓާފުންނާއި، ވަކީލުން ބޭނުން ކޮށްގެން ކަމަށާއި، އެފަޅު އެބޯނިއަށް ދީފައިވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
އެ ފަޅުން ލިބުނު ފައިސާތަކަށް އަދީބު ހިޔާނާތްތެރިވެފައިވާއިރު، އެރަށް ދޫކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީއަށް ނަގަން ޖެހޭ އިދާރ ީފީ އަދި ވެސް ނަގާފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވއެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އެމައްސަލާގައި ޖަވާބުދާރީވުމަށް އަދީބަށް 15 ދުވަހުގެ މުހުލަތެއް ދެއްވާފއެވެ. މި މައްސަލައިގައި ދެން ބާއްވާ ޝަރީއަތުގެ މަޖިލިހަށް ދައުލަތުގެ ފަރާތުންނާއި އަދީބުގެ ފަރާތުން ހެކިން ހުށަހެޅުމަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.
ޖަވާބުދާރީ ވުމަށް އަދީބަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ