ޖުމްހޫރީ ޕާޓީން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ތާއީދު ކުރުމަށް ނިންމައިފި

ޖުމްހޫރީ ޕާޓީން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ތާއީދު ކުރުމަށް ނިންމައިފި އެވެ.ޖުމްހޫރީ ޕާޓިން މިގޮތަށް ނިންމާފައި މިވަނީ މިއަދު ހަވީރުން ފެށިގެން އެ ޕާޓީން ކުރިޔަށް ގެންދިޔަ ކައުންސިލް ބައްދަލު ވުމުގައި ވަރަށް ދިގު މަޝްވަރާ ތަކަކަށް ފަހުގަ އެވެ. ހަތަރު ގަޑި އިރަށް ވުރެ ގިނަ ވަގުތު މަޝްވަރާ ކުރުމަށް ފަހު ޖުމްހޫރީ ޕާޓީން ޕީޕީއެމަށް ތާއީދު ކުރުމަށް ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވި ފަނަރަ މެންބަރުންގެ އިއްތިފާޤުން ނެވެ. މިއަދުގެ ކައުންސިލް ބައްދަލު ވުމުގައި ވޯޓުގައި ބައިވެރި ނުވާ ހަ މެންބަރަކުތިއްބެވި އިރު އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމް ވެސް ހިމެނި ވަޑައިގަންނަވަ އެވެ. ޤާޞިމަށް މި ވޯޓުގައި ބައިވެރިވެ ވަޑައި ނުގެންނެވުނީ ރިޔާސަތުގައި އިންނެވުމުން ކަމަށް މަޢުލޫމާތު ލިބެއެވެ. މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ވަކި އަތަކަށް ވޯޓު ނުދެއްވާ ތިއްބެވީ ޖުމްހޫރީ ޕާޓީގެ ފަރާތުން މިހާރުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރިން ކުރެއްވި، ޑރ. މުހަންމަދު ޝަމްހީދާއި ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އިބްރާހިމް ދީދީ އާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝާހު އާއި ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން މޫސާ ރަމީޒް ކަމަށް އިތުބާރު ހުރި ގޮތެއްގައި ދި އިސްލާމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ. މި ބޭފުޅުން ކައުންސިލް ބައްދަލު ވުމުގައި ތާއީދު ކުރައްވާފައި ވަނީ އެމްޑީޕީއަށް ކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ. ކައުންސިލް ބައްދަލު ވުމުގައި ޕީޕީއެމަށް ތާއީދު ކުރުމަށް ނިންމުމާއި ގުޅިގެން މީޑިޔާ އާއި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމް ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެމްޕޭނުގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، ޤާޞިމަށް ތާއީދު ކުރެއްވި ހުރިހާ ފަރާތް ތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ތާއީދު ކުރައްވައި ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.ޖުމްހޫރީ ޕާޓީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ގުޅުމާއި އެކު މަސައްކަތް ކުރި ހުރިހާ ޕާޓީތަކުން ވަނީ އެއްވެސް ޝަރުޠަކާއި ނުލާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް ތާއީދު ކުރުމަށް ނިންމައި ޔާމީނުގެ ކެމްޕޭނުގައި ޙަރަކާތްތެރިވާން ފަށާފަ އެވެ. ޕާޓީ ތަކުގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމީނާއި ވާދަ ކުރެއްވި ޢުމަރު ނަޞީރު ވެސް ވަނީ ޔާމީނަށް ތާއީދު ކުރައްވާ ޔާމީންގެ ކެމްޕޭނުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވާން ފަށާފަ އެވެ. ޖުމްހޫރީ ޕާޓީން ޔާމީނަށް ތާއީދު ކުރުމަށް މިރޭ ނިންމާފައި ވާއިރު، މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވަނީ ޤާޞިމްގެ ތާއީދު އޮތީ ނަޝީދަށް ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ