ވެރިން ދޫކޮށް ރައްޔިތުން ގެއަށް

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި "ބޮޑު" މުޒާހަރާ އިންތިޒާމް ކުރި އިސްވެރިން ދޫކޮށްލުމަށްފަހު މުޒާހަރާގެ ބައިވެރިން ގެއަށް ހިނގައްޖެއެވެ.
1500 އެއްހާ މީހުންނާއި އެކު ފެށުނު މުޒާހަރާގައި ބައިވެރިވި އާންމު ރައްޔިތުން ވަނީ ފުލުހުން މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރުދީ، މުޒާހަރާ ރޫޅާލަން ފެށުމާއި އެކު އެ ސަރަހައްދު ދޫކޮށް ދާން ފަށާފައެވެ.
މިހާރު އެސަރަހައްދުގައި ތިބީ 15 ވަރަކަށް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުރުން އިބްރާހިމް ސޯލިހް އާއި އިމްތިޔާޒް ފަހުމީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އިތުރުން ޖޭޕީގެ މެމްބަރު އަލީ ހުސައިންއެވެ.
މީގެ ތެރޭގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އަދި ރައީސް ނަޝީދުގެ ރަނިންގ މޭޓް މުސްތަފާ ލުތުފީ އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ތިއްބެވި ނަމަވެސް، ވަކި ހިސާބަކުން ވަނީ އެ ސަރަހައްދު ދޫކުރައްވައި ވަޑައިގެންފައެވެ.
މުޒާހަރާ ކުރި ސަރަހައްދުގައި މަޑުކޮށްގެން ތިބި މީހުންގެ ތެރޭގައި އާންމު ރައްޔިތުން ހިމެނުނު ނަމަވެސް، މުޒާހަރާގައި ބައިވެރިވި ހުރިހާ އެންމެން ކަހަލަ ގޮތަކަށް މިހާރު ވަނީ މުޒާހަރާ ދޫކޮށް ގޮސްފައެވެ.
އާންމުކޮށް މުޒަހަރާތަކުގައި ފެނިގެން ދަނީ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށްފަހު އިސްވެރިން ފިއްލަވާ މަންޒަރެވެ. ނަމަވެސް މިރޭ ފެނިގެން ގޮސްފައިވަނީ އިސްވެރިން ދޫކޮށްލެއްވުމަށްފަހު ރައްޔިތުން ގެއަށް ދިޔަ މަންޒަރެވެ.
މުޒާހަރާ ފެށުމުގެ ކުރިން އެމްޑީޕީން ބުނަމުން އައީ މިރޭ މަޖީދީމަގު ފުރާލާނެ ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވުމަށް އަތޮޅުތެރެއިން 5000 މީހުން އައި ކަމަށް އެމްޑީޕީން ބުނި ނަމަވެސް މުޒަހަރާގައި ބައިވެރިވެފައި ވަނީވެސް 1500 އެއްހާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ