މެކްސިކޯގެ ޑްރަގްގެ ބޮޑު އެލް ޗަޕޯ އެމެރިކާ އަށް ގެންދިއުމުގެ ހުއްދަ ކޯޓުން ދީފި

މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ޖޮކުއިން "އެލް ޗަޕޯ" ގްޒްމަން އެމެރިކާ އަށް ބަދަލުކުރުމުގެ ހުއްދަ މެކްސިކޯގެ ކޯޓަކުން މިއަދު ދީފިއެވެ.
ނަމަވެސް އެލް ޗަޕޯ އަދި ހުރީ މިދިޔަ ހަފްތާ ބަންދުގައި އޭނާ ބަދަލުކުރި މެކްސިކޯގެ ޖަލުގައެވެ. އެލް ޗަޕޯ އެމެރިކާ އަށް ބަދަލުކުރުމުގެ ހުއްދަ ކޯޓުން ދިން ނަމަވެސް އޭނާ އެމެރިކާ އަށް ބަދަލުކުރުމަށް ހަފްތާތަކެއް ނަގާނެ ކަމަށް މެކްސިިކޯގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ.
އެލް ޗަޕޯ މިހާރު ބަންދުކޮށްފައި ހުރި ޖަލަކީ އޭނާ ހައްޔަރުކޮށްފައި ހުރި ޖަލަށް ވުރެ ސަލާމަތީ ފިޔަވަޅުތައް ދަށް ޖަލެކެވެ. މިޖަލަކީ އެމެރިކާގެ ޓެކްސަސް އާއި ކައިރި ސަރަހައްދެއްގައި ހުންނަ ޖަލެކެވެ. އެހެންކަމުން ލަފާކުރެވެނީ މިޖަލަށް އެލް ޗަޕޯ ބަދަލުކޮށްފައި ވަނީ ކޯޓުގެ ނިންމުން އައުމާއި އެކު ވީހައިވެސް އަވަހަކަށް އޭނާ އެމެރިކާ އަށް ބަދަލުކުރެވޭނެ މަގުތަނަވަސް ކުރުމަށްޓަކައެވެ.
އެލް ޗަޕޯ މިހާރު ބަދަލުކޮށްފައިވާ ޖަލަކީ ސަލާމަތީ ފިޔަވަޅުތައް ދަށް ޖަލެއް ކަމަށްވީނަމަވެސް މެކްސިކޯ އޮފިޝަލުން ބުނާ ގޮތުގައި އެލް ޗަޕޯގެ ސަލާމަތީ ކަންތައްތައް ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންނެވެ. އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅީގައި ކެމެރާ ހަރުކޮށްގެން 24 ގަޑިއިރު އެލް ޗަޕޯގެ ހަރަކާތްތައް ބަލަމުންދާ ކަމަށް ވެސް މެކްސިކޯ އޮފިޝަލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ