ފޮޓޯ ސްޓޯރީ: ހަސަންފުޅުގެ ހިތްވަރު

މިއީ ހަސަންފުޅުބެ އެވެ. މާލޭގައި ގަރާޖު ހިންގުމުގައި އޭނާ އަކީ ކުޅަދާނަ ޝަޚުސިއްޔަތެކެވެ. އެހެން ގަރާޖުތަކާ ހިލާފަށް ހަސަންފުޅުބެ ގެ ގަރާޖު މަޝްހޫރުވާ ވަރަށް ގިނަ ސަބަބުތަކެއް ހުރެ އެވެ.
ހެންވޭރުގެ ހަނިގޯޅިއެއްގައި ހުންނަ މި ގަރާޖުގެ ނަމަކީ ވޮންޑަ ވޯކްޝޮޕެވެ. އެކަމަކު އާންމުންނަށް އެތަނުގެ ނަން އެނގޭނީ ހަސަންފުޅުބެ ގަރާޖުގެ ނަމުގަ އެވެ. މި ގަރާޖަށް މިހާރު 47 އަހަރުވެފައިވާ އިރު، ހަސަންފުޅުބެ ބުނާ ގޮތުން އޭނާ އަށް 100 އަހަރު ވެއްޖެ އެވެ.
މާލޭގައި މި ގަރާޖު ހުޅުވީއްސުރެ މިހާތަނަށް އަންނަންދެން ވެސް ހަސަންފުޅުބެ އެތަނުގައި އަންނަނީ މަސައްކަތް ކުރަމުންްނެވެ. އެކަމަކު މިހާރު ގައިބާރު ދޫވެ، ބަރު އެއްޗެހި އުފުލައި އުޅެން އުނދަގޫވާތީ ގަރާޖުގައި ބިދޭސީން ގެންގުޅެ އެވެ. އެކަމަކު ވެސް ކޮންމެ ދުވަހަކު އޭނާ މަސައްކަތްތަކުގައި ބައިވެރިވެ ކުދިކުދިން ކަންކަން ކޮށްލަދެ އެވެ.
ހަސަންފުޅުބެ ބުނާގޮތުން އޭނާ މި މަސައްކަތް ފެށީ މަޝްހޫރު އަބާގޭގެ ތެރެއިންނެވެ. އޭނާ ބުނާ ގޮތުން އަމިއްލަ ގަރާޖެއް ވެސް ހަދައިދިނީ އެ ގޭގެ ކުދިންނެވެ. އަބާގެ އަކީ ގަރާޖުގެ މަސައްކަތް މާލޭގައި އެންމެ ފުރަތަމަ ފެށި މީހުންނެވެ.
ހަސަންފުޅުބެ ގެ ގަރާޖުގައި ސައިކަލާއި ބައިސްކަލުގެ ހުރިހާ ސާވިސްއެއް ވެސް ކޮށްދެ އެވެ. ހަސަންފުޅުބެ ބުނާ ގޮތުން އެ އެއްޗިއްސަށް ދިމާވާ މައްސަލަތައް ހައްލުކޮށްލުމަކީ އޭނާ އަށް އުނދަގޫ ކަމެއް ނޫނެވެ. ބައެއް އެއްޗިއްސަށް ދިމާވާ މައްސަލަތައް އެތާނގައި އުޅޭ ބިދޭސީންނަށް މިހާރު ވެސް ކިޔައިދެނީ އޭނާ އެވެ.
އެހެން ހުރިހާ ގަރާޖުތަކާ ހިލާފަށް ހަސަންފުޅުބެ ގެ ގަރާޖު ތަފަތުވާ ކަމަކީ އެ ގަރާޖުން ބައެއް ހިދުމަތްތަައް ހިލޭ ދޭތީ އެވެ. ފުރޮޅަކަށް ވައި ޖަހަން ވެސް އެހެން ގަރާޖަކުން ވިއްޔާ 5ރ. ދޭން ޖެހެ އެވެ. އެކަމަކު މިކަހަލަ ކުދިކުދި ހިދުމަތްތައް އެތަނުން ކޮށްދެނީ ހިލެ އެވެ.
ގަރާޖުގެ ކުރިމަތީގައި މިގޮތަށް ހަސަންފުޅުބެ އިންނަ ތަން ވަރަށް ގިނަ މީހުންނަށް ފެންނާނެ އެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރު އޭނާ ކޮށްދީފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެކެވެ. އޭނާގެ ތިން ދަރިންނަށް ކިޔަވައިދިނުމާއި ދިރިއުޅުމުގެ އެހެން ހުރިހާ ބޭނުންތަކެއް ވެސް ފުއްދީ ގަރާޖުން ލިބުނު ފައިސާ އިންނެވެ.
"މިއީ ވަކިވުމެއް ނެތް މަސައްކަތެއް؟" އޭނާ ބުނެ އެވެ. ހަސަންފުޅުބެ ބުނާ ގޮތުން މަރުދުވަހާ ހަމައަށް ވެސް އޭނާ ދެމިހުންނާނީ މި މަސައްކަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ