"ދިލް ބެޗާރާ" ގެ ބަތަލާ ސަންޖަނާގެ ބަކެޓް ލިސްޓަށް އިތުރު ފިލްމެއް

ފިލްމު "ދިލް ބެޗާރާ" އިން ބޮލީވުޑަށް ތައާރަފްވި ޒުވާން ބަތަލާ ސަންޖަނާ ސާންގީއަށް އިތުރު ފިލްމީ ޕްރޮޖެކްޓެއް ލިބިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިވަގުތު ފިލްމު "އޯމް-ދަ ބެޓްލް ވިތްއިން" ގެ ޝޫޓިންގްގައި ވަރަށް އަވަދިނެތި އުޅެމުންދާ ބަތަލާ ސޮއިކުރިކަމަށް ބެލެވެނީ، ހެއްވާ މަޖާ ބިރުވެރި ފިލްމު "ސްޓްރީ" ގެ ޕްރީކުއެލް "މުންހްޖާ" ނަމަކަށް ކިޔާ ފިލްމަކަށެވެ.
"މުންހްޖާ" ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ދިނެޝް ވިޖަންގެ އުފެއްދުމެކެވެ.
މިދުވަސްކޮޅު ދިނެޝްގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް 22ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އޭނާގެ ފިލްމު "ބޭޅިޔާ" ގެ މަސައްކަތުގައެވެ.
މިފިލްމުގައި މުހިއްމު ރޯލު ކުޅޭ ތަރިންގެތެރޭ އެކްޓަރު ވަރުން ދަވަން އަދި ބަތަލާ ކްރިތީ ސެނަން ހިމެނެއެވެ.
މިފިލްމަކީ ދިނެޝް އުފައްދަމުން އަންނަ ހެއްވާ މަޖާ ހާދިސާތަކާއެކު ގެނެސްދޭ ބިރުވެރި ފިލްމީ ސިލްސިލާއަށް އިތުރުވި އާ ބޮޅެކެވެ.
މިސިލްސިލާއަށް ނިމުމެއް ނެތްކަން އެނގެނީ 2022 ވަނަ އަހަރު އޭނާ، ބަތަލާ ސަންޖަނާ ހިމަނައިގެން އިތުރު ފިލްމެއް އުފެއްދުމަށް ގަސްތުކޮށްފައިވާ ހިސާބުންނެވެ.
24 އަހަރުގެ ބަތަލާ ސަންޖަނާ މުހިއްމު ރޯލެއްކުޅޭ މިފިލްމުގެ ޝޫޓިންގް އަންނަ އަހަރުގެ މެދުތެރޭ ފަށަން ތައްޔާރުވަމުން އަންނައިރު އޭނާ އެހެން އިތުރު ފިލްމަކަށް ސޮއިކުރި ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް އެއީ ކޮން ފިލްމެއްކަމާއި ފިލްމުގެ މާބޮޑު ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
ސަންޖަނާ މެއިން ލީޑް ކުޅެފައިވާ ފިލްމު "ދިލް ބެޗާރާ" އަކީ އެފިލްމުގެ އެކްޓަރު ސުޝާންތް ސިންގްގެ އެންމެފަހުން ބެލުންތެރިންނަށް ފެނިގެންދިޔަ ފިލްމެވެ.
އެކްޓަރުގެ މަރުގެ ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ތަރުހީބު ފިލްމަށް ލިބިގެންދިޔައިރު އެފިލްމަކީ، މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްވަގުތެއްގައި ޑިޖިޓަލް ޕްލެޓްފޯމްއެއް މެދުވެރިކޮށް ބެލި ބޮލީވުޑްގެ ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ