އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅުމުން ހައި ކޯޓުން އެމައްސަލަ ބޭރުކޮށްލައިފިއެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައި ކޯޓުގައި އެދުނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް ހައި ކޯޓުން ވަނީ މިމައްސަލަ ބަލައިނުގަނެ، ކޯޓުން ބޭރުކޮށްލާފައެވެ.
ހައިކޯޓުން މިމައްސަލަ ބޭރުކޮށްލާފައިވަނީ އަމުރު އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށްވުރެ ފަހުން މިމައްސަލަ ހައި ކޯޓަށް ހުށަހަލާފައިވާތީ ކަމަށް ބުނެއެވެ.
ހައި ކޯޓުގެ ނިންމުން އިސްތިއުނާފަށް ހުށަހަޅަން 7 ދުވަސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭނެކަން ހައި ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައިމަހު ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފަވެ.
އޭގެފަހުން އެ މުއްދަތު އިތުރުކުރަން ޕީޖީން ހުށަހެޅީ އަލީ ވަހީދުގެ ޕާސްޕޯޓު ނުހިފަހައްޓައިފިނަމަ، ފިލައިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ދެކިއެވެ. ނަމަވެސް މިމަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެއަމުރު ބާތިލްކޮށްފައެވެ.
އަމުރު ބާތިލުކުރުމުން އަލީ ވަހީދު ވަނީ އިނގެރޭސިވިލާތަށް ވަޑައިގެންފައެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުންނާއި، އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށާއި، ކްރިމިނަލް ކޯޓަށްވެސް އަމާޒުވެފައިވެއެވެ.
މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފުށުން ހިނގާފައި ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ.
ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށައަޅާފައެވެ.
މިމައްސަލަތަކުގެ އަޑުއެހުންތައް މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ފަށާފައިވާއިރު އެމައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.
އަލީ ވަހީގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވައާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ