އޮސްޓްރޭލިއާގައި ފޭސްބުކުން އަނެއްކާވެސް ހަބަރު ޝެއާ ކުރެވޭ ގޮތް ހަދަނީ

ކެންބެރާ (ފެބްރުއަރީ 23): އޮސްޓްރޭލިއާގައި ފޭސްބުކް މެދުވެރިކޮށް ހަބަރު ޝެއާ ނުުކުރެވޭ ގޮތް މިދިޔަ ބުރާސްފަތި ދުވަހު ހެދުމަށް ފަހު، އެ ނިންމުން ބަދަލު ކުރާނެ ކަމަށް މިއަދު އެ ކުންފުނިން ބުނެފި އެވެ. ފޭސްބުކުން އޮސްޓްރޭލިއާގައި ހަބަރު ޝެއާ ނުކުރެވޭ ގޮތް ހެދީ މިދިޔަ ހަފްތާގައި އެގައުމުގެ ޕާލިމެންޓުގެ ތިރީގެއިން ފާސްކުރި "ނިއުސް މީޑިއާ ބާގެއިނިން ކޯޑް"އާ ހެދި އެވެ. އެ ބިލުގައިވާ ގޮތުން ނޫސް މީޑިއާތަކުން އުފައްދާ ލިޔުންތަކުގެ ތެރެއިން ފޭސްބުކާއި ގޫގުލްގައި ހިއްސާ ކުރާ ލިޔުންތަކަށް އެ ދެ ކުންފުނިން ފައިސާ ދޭން ޖެހޭނެ އެވެ. އަދި ފައިސާ ދޭނެ ވަރެއް ނިންމާނީ އެ ކުންފުނިތަކާއި މީޑިއާތަކުން މަޝްވަރާ ކުރުމަށް ފަހު އެވެ. ނަމަވެސް ފައިސާ ދޭނެ މިންވަރަކާ ބެހޭ ގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެކަން ނިންމާނީ އާބިޓްރޭޝަން ޕެނަލަކުންނެވެ. އެ ބިލުގައި ފޭސްބުކާއި ނޫސް އުފައްދާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ދޭހަކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނިން ވަނީ އޮސްޓްރޭލިއާގައި އެގައުމުގެ ހަބަރުތަކާއި ބޭރުގެ ހަބަރުތައް ވެސް އެ ޕްލެޓްފޯމުން ނުފެންނަ ގޮތަށް ހަދާފަ އެވެ. ނަމަވެސް މިއަދު ފޭސްބުކުން ވަނީ އޮސްޓްރޭލިއާގެ ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު އެ ފިޔަވަޅު އުވާލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ފޭސްބުކްގެ ގްލޯބަލް ނިއުސް ޕާޓްނާޝިޕްސްގެ ނައިބު ރައީސް ކެމްބެލް ބްރައުން ވިދާޅުވި ގޮތުގައި އެ ކުންފުނިން އެއްބާރުލުންދޭ ބޭނުންވާ މީޑިއާތައް ހިޔާރު ކޮށް، އެ ބަޔެއްގެ ހަބަރު ޝެއާ ކުރުމުގެ އިހުތިޔާރު ފޭސްބުކަށް ދޭނެ ކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން މިހާރު ވަނީ ބުނެފަ އެވެ. "އަޅުގަނޑުމެންނަށް އޮޓޮމެޓިކްކޮށް، މަޖުބޫރުން [މީޑިއާތަކާ އެކު] މަޝްވަރާއަކަށް ދާން ނުޖެހޭ ގޮތަށް، ފޭސްބުކުން ހަބަރު ފެންނާނެކަން ނިންމުމުގެ އިހުތިޔާރު އަޅުގަނޑުމެންނަށް އޮންނާނެކަން ސަރުކާރުން ވަނީ ބުނެފަ. އަދި އަޅުގަނޑުމެން ހިޔާރު ކުރާ މީޑިއާތަކަށް އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމަކަށް އާދެވިއްޖެ،" ކެމްބެލް ވިދާޅުވި އެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ފެޑެރަލް ޓްރެޝަރާ ޖޯޝް ފްރައިޑެންބާގްވެސް ވަނީ އެގައުމުން ނިއުސް މީޑިއާ ބާގެއިނިން ކޯޑަށް އިސްލާހު ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގައި ފޭސްބުކް މެދުވެރިކޮށް އަލުން ހަބަރު ޝެއާ ކުރެވޭނެ ގޮތް ކުރިއަށް އޮތް ދުވަސްތަކުގައި ހަދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ދެއްވި ކަމަށް ވިދާޅުވެފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި، ފޭސްބުކުން އޮސްޓްރޭލިއާގެ ނޫސްވެރިކަމަށް އެކަށީގެންވާ ވަރުގެ އެހީއެއް ފޯރުކޮށްދޭކަން ސާބިތު ކުރެވިއްޖެ ނަމަ ވަކި މީޑިއާތަކާ އެކު މަޝްވަރާ ކުރަން ނުޖެހޭ ގޮތް ހެދުން ހިމެނެ އެވެ. އަދި ފައިސާއާ ބެހޭ ގޮތުން އެއްބަސްވުން ހެދުމަށް ފޭސްބުކާއި މީޑިއާއަށް ދެ މަހުގެ މުއްދަތެއް ދިނުން ހިމެނެ އެވެ. އޮސްޓްރޭލިއާގެ ސަރުކާރުން އެ ބިލް ހުށަހަޅަމުން ބުނި ގޮތުގައި، ހަބަރު ކިޔަން ބޭނުންވާ މީހުންގެ ފަރާތުން ގޫގުލް އާއި ފޭސްބުކަށް ކަސްޓަމަރުން ލިބޭތީ އެ ދެ ކުންފުނިން މީޑިއާތަކަށް ފައިސާ ދޭން ޖެހެ އެވެ. އަދި އެއީ ޑިމޮކްރަސީގެ މުހިއްމު ބައެއް ކަމަށްވާ ނޫސްވެރިކަމަށް ލިބިގެންދާނެ ބޮޑު އެހީއެކެވެ. ނަމަވެސް ފޭސްބުކުން ބުނި ގޮތުގައި ހަބަރު އުފައްދާ ފަރާތްތަކުން އެ ހިދުމަތް ބޭނުން ކުރަނީ އަމިއްލައަށް ބޭނުންވެގެންނެވެ. އަދި އޭގެ ސަބަބުން މީޑިއާތަކަށް ސަބްސްކްރައިބް ކުރާ މީހުންނާއި ހަބަރުތައް ކިޔާ މީހުން އިތުރުވެ، އެ މީޑިއާތަކަށް އިޝްތިހާރުކޮށްގެން ފައިދާ ލިބެ އެވެ. މީގެ އިތުރުން ފޭސްބުކުން އޮސްޓްރޭލިއާގެ ހަބަރުތައް ނެގުމުން އެ ކުންފުންޏަށް މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް އޭގެ ސަބަބުން ނޫސް ވެބްސައިޓުތަކަށް ވަންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިދިޔަ އަހަރު އޮސްޓްރޭލިއާގެ މީޑިއާތަކަށް 316 މިލިއަން ޑޮލަރު ހޯދައި ދިނުމަށް އެ ކުންފުނިން އެހީވި ކަމަށް ވެސް ފޭސްބުކުން ބުންޏެވެ. ފޭސްބުކްގެ އިތުރުން ގޫގުލްއިން ވެސް ވަނީ އެ ގާނޫނަށް ފާޑު ކިޔާފަ އެވެ. އަދި އެ ގާނޫނު ތަންފީޒުކޮށްފި ނަމަ އޮސްޓްރޭލިއާގައި ގޫގުލް ސާޗް އިންޖީން ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ