ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރޯލު ބަދަލުކޮށްފާނެ، ސަމާލުވާން ޖެހޭ - އުމަރު

އިންޑިޔާ ސިފައިން މި ގައުމުން ބޭލުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ފޭސްބުކްގައި މިއަދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިންނަކީ ދިއްލީގެ އޯޑަރަކަށް ކޮންމެފަދަ ވަގުތެއްގައި ވެސް އެ މީހުންގެ ރޯލް ބަދަލުކޮށްފާނެ ބައެއް ކަމަށެވެ.
އުމަރު ވިދާޅުވީ ސިއްކިމް އާއި މެދު އިންޑިޔާ ސަރުކާރުން އަމަލު ކުރި ގޮތާއި ކަޝްމީރާ މެދު އަމަލު ކުރި ގޮތުން ދިވެހިންނަށް އެނގެންވީ ކަމަކީ ބާރުގަދަ ގައުމުތަކުން ކުރާ ވައުދުތައް ކޮންމެ ފަދަ ވަގުތެއްގައި ވެސް ބަދަލުކޮށްފާނެ ކަން ކަމަށެވެ.
"ކަޝްމީރަށް ލިބިފައި އޮތް ދާހިލީ މިނިވަންކަން އިންޑިޔާއިން ނިމުމަކަށް ގެނައުމަކީ އެކަމުން ދިވެހިން ފިލާވަޅު ލިބިގަންނަން ޖެހޭ, އިންޑިޔާގެ ކުރީގެ ބޮޑު ޖަވާހިރުލާލް ނެހްރޫ އޭރުގެ ސިކިމްގެ ރަސްގެފާނަށް ސިކިމްގެ މިނިވަންކަމަށް އަރައިނުގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ވަނިކޮށް އިންދިިރާ ގާންދީ ބޮޑުވަޒީރު ކަމަށް ވަޑައިގެން އެ ނިންމުން ބަދަލު ކުރި އެއަށް ފަހު އިންޑިޔާގެ 5000 ސިފައިން ސިކިމްއަށް ފޮނުވައި އެ ކުޑަ ގައުމު ހިފި " އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިވަގުތު ދިއްލީގައި ތިއްބަވާ ސިޔާސީ ލީޑަރުންގެ ވިސްނުން ބަދަލުވެއްޖެ ނަމަ ރާއްޖޭގެ މިހާރު ތިބި އިންޑިޔާ ސިފައިންގެ އަތަށް ދެ ގަޑިއިރުގެ ތެރޭގައި އިންޑިޔާއިން ހަތިޔާރު ފޯރުކޮށްދޭނެ ކަމަށެވެ.
" މިއީ ނުވާނެ ކަމެއްކަން ހީކޮށްގެން ތިބޭނީ ވަރަށް ތިލަކޮށް ވިސްނާ ސިޔާސީ ބޭފުޅުން، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން މި ގައުމުން ބޭލުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް " އުމަރު ވިދާޅުވިއެވެ.
އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ