ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އަބަދުވެސް ދެމިހުންނަވާނަން: އަބްދުއްރަހީމު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށާއި، އެމަނިކުފާނު ދޫކުރައްވައި އެހެން ޕާޓީއަކަށް ވަޑައިނުގަންނަވާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.އިދިކޮޅު ޕީޕީއެމްގެ އިތުރުން ޕީއެންސީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީތަކުން އިސްތިއުފާ ދެއްވައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރަން ނިންމާފައިވާކަން ވަނީ ހާމަވެފައެވެ.ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ފަލާހް އަވަސް އަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެންމެ އަރިސްކޮށް އުޅުއްވި އަބްދުއްރަހީމް ވެސް ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ފަލާހް ވިދާޅުވިއެވެ. އަދުރޭ މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.އަންނަ ހަފްތާގައި އެނބުރި ވަޑައިގެން ޖޭޕީއާ ގުޅި ވަޑައިގަންނަވާނެ ފަލާހް ވިދާޅުވިއެވެ. ނަމަވެސް، އަދުރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ. އެ ޓްވީޓުގައި ޕީއެންސީގެ ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތް ފެށީ ރައީސް ޔާމީންއާއެކު ކަމަށާ އަދި ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެ ގޮތުގައި ކަމަށެވެ.ރައީސް ޔާމީން ދޫކޮށްފައި ދާނެ ދުވަހެއް އިރާދަ ކުރެއްވިއްޔާ ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖޭޕީއާ ގުޅުމުގެ ފުރުސަތު ދިނުމުން އެ ޕާޓީއަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ