އީރާނުގެ ހުރިހާ ދޮރުތަކެއް އަޅުގަނޑަށް ބަންދެއް ނުވޭ: ޑރ. ޝަހީދު

އީރާނުގެ އިންސާނީ ހައްގުތައް ބެލުމުގެ މަސައްކަތަށް އީރާނުގެ ހުރިހާ ދޮރުތަކެއް ބަންދުނުވާ ކަމަށާއި އެ ގައުމުގެ ސަރުކާރުން އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް، އދ. އިން އީރާނަށް ކަނޑައަޅުއްވާފައިވާ އިންސާނީ ހައްގުތަކާބެހޭ ހާއްސަ ރެޕަޓުއާ، ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީދު މިއަދު ވިދާޅުވީ އީރާނުގެ އިންސާނީ ހައްގުތައް ބެލުމަށް އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައި އޮތް ނަމަވެސް "އަދިވެސް އުއްމީދެއް އެބައޮތް" ކަމަށެވެ.
"އަޅުގަނޑު މިހާރު ވެސް ނުރަސްމީކޮށް އީރާނުގެ ސަރުކާރުގެ ފަރާތްތަކާއި އަދި އެހެން ފަރާތްތަކާ ވާހަކަ އެބަ ދައްކަން. އެ މުއާމަލާތްތަކުން އަޅުގަނޑަށް އެނގޭ ހުރިހާ ދޮރުތަކެއް ބަންދުނުވާކަން. އަދި އުއްމީދެއް ވެސް އެބަ އޮތް،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ އީރާނަށް ވަޑައިގަތުމުގެ ފުރުސަތު އެ ގައުމުން ނުދިން ނަމަވެސް އޭނާގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި އެ ގޮތުން މިހާރު ވެސް ވަގުތީ ރިޕޯޓުގެ ޑްރާފްޓެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އީރާނުގެ އިންސާނީ ހައްގުތަކާ ގުޅޭ އަމިއްލަ ފަރާތްތަކާ ވެސް ވާހަކަ ދައްކަމުން ގެންދާ ކަމަށާއި އެ ފަރާތްތަކުން ލިޔުންތައް ވެސް ހުށަހަޅަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފެށުމާއެކު ވަގުތީ ރިޕޯޓް އީރާނުގެ ސަރުކާރަށް ފޮނުވާނަން. އެއީ އެ ފަރާތުން އެ ރިޕޯޓަށް ކޮމެންޓް ހޯދުމަށް. އެ ރިޕޯޓް އދ. އަށް ހުށަހަޅަންޖެހޭ އޯގަސްޓް 9 ގައި،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުކަމުން އިސްތިއުފާދެއްވީ، އެހެން ގައުމެއްގެ އިންސާނީ ހައްގުތައް ބެލުމަށް ހުންނަ މީހަކު އެހެން ގައުމެއްގެ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރުމަކީ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ ކަމަށެވެ.
"ނަމަވެސް އަޅުގަނޑު ރިއާސީ ކޮމިޝަންގެ މެމްބަރުކަމުން ވަކިނުވަން. އެއީ މުސާރަ ލިބޭ ކަމެއް ނޫން. އަދި ދައުލަތުގެ ގެއްލިފައިވާ މުދާ ހޯދުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްގައި އަޅުގަނޑު ވަކިވުމަކީ ރަނގަޅު ގޮތެއް ނޫން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު އީރާނަށް އަރައިވަޑައިގަތުމަށް ހުއްދަ ނުދޭން އެ ގައުމުން ނިންމުމާ ގުޅޭ ގޮތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައިވަނީ ފުރަތަމަ ތަހުގީގުކުރަންޖެހޭނީ އެމެރިކާ އާއި އިޒްރޭލުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ކަމަށެވެ. އަދި އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބެލުމަށް އދ. އިން މަންދޫބަކު ކަނޑައެޅުމަކީ ސިޔާސީ ނިންމުމެއް ކަމަށާއި އެމެރިކާގެ ފިއްތުމާ ގުޅިގެން އުފެއްދި މަގާމެއް ކަމަށްވާތީ އެއީ އިންސާފެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ