މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކު ވަނީ ޕީއޭ އިން ވަކިވެވަޑައިގެންނެވި ކަމަށް މިދިޔަ ހަފުތާގެ އަންގާރަދުވަހު ބައެއް މީޑިއާތަކުގައި އިއުލާންކުރެއްވި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު އިބްރާހީމް "ބްލެކްމެއިލްކޮށްފައި" ކަމަށް ބުދަދުވަހުގެ މަޖިލިހުގެ ޖަލްސާގައި އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް ތުހުމަތުކުރެއްވި ގޮތުގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އޮން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްގެ މަގާމުގައި ވެސް ހުންނެވި ސަރަނގު އާދަމް މަނިކު ވަނީ އަހުމަދު ރަޝީދަށް އެއް މިލިއަން ރުފިޔާ ދެއްވާފައި އޭގެ ބަދަލުގައި ދެ މިލިއަން ރުފިޔާ ނަންގަވައިފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ ]އަހުމަދު ރަޝީދު އިބްރާހީމް[ ދުވަސް ދުއްވާލަން މަސައްކަތް ކުރީ. އޭނާ ބްލެކް މެއިލްކުރީ. އޭނާ ބްލެކް މެއިލް ކުރުމަށް ފަހުގައި އޭނާގެ ލިޔެކިޔުންތައް ނުދިނީ. ނުދިނީމަ އޭނާ އަށް މަޖުބޫރުކުރީ ކައިރިއަށް ގޮސް ބަޔަކު ފޮނުވައިގެން ލާރި ނުދީފިއްޔާ މީހާގެ ދުވަސް ދުއްވާލާނަމޭ. މިކަހަލަ އިބާރާތުން ވާހަކަ ދައްކައިގެން ގޮސް އެ އިއްޒަތްތެރި މެމްބަރު އަތުން އެއް މިލިއަންގެ ބަދަލުގައި ދެ މިލިއަން ރުފިޔާ ހަމަ ކާލީ އިނގޭތޯ؟،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި އަހުމަދު ރަޝީދު އަތުން ސަރަނގު އާދަމް މަނިކު "ގައިމު ވެސް އެ ފައިސާ އަތުލި" އެވެ.
ސަލީމް ދެއްކެވި މި ވާހަކަތަކާ ގުޅޭ ގޮތުން ސަރަނގު އާދަމް މަނިކު އަދި އަހުމަދު ރަޝީދާ ވެސް ގުޅޭ ގޮތް ނުވުމުން އެބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި އެއީ ކޮން ފައިސާއެއް ކަމާއި ސަލީމް އެ ވިދާޅުވާ ލިޔެކިޔުންތަކަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީ އަދި ޒެޑް ޑީއާރުޕީގެ ބައެއް ޖަލްސާތަކުގައި ވެސް ޤުރުއާން ކިޔަވާ ވިދާޅުވާ އަހުމަދު ރަޝީދު ޕީއޭ އިން ވަކިވެވަޑައިގެންނެވި ކަމަށް ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވީ ނަމަވެސް ޕީއޭ އިން ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައި ނެތް ކަމަށެވެ.
ސަރަނގު އާދަމް މަނިކު ވަނީ މެމްބަރު އަހުމަދު ރަޝީދު "ބްލެކްމެއިލް" ކޮށްފައި: ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ