އައްޑޫގައި ވަކި އިންތިހާބެއް ބޭއްވުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ނެތް: ގާޒީ

އައްޑޫގައި ބާއްވަންވީ "ސީދާސީދާ" ކޮން އިންތިހާބެއް ކަމެއް ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ނުވާކަމަށާއި އެހެންކަމުން އައްޑޫ ސިޓީ މައްސަލާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްތަލިބު އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވިދާނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ އިންތިހާބު ގާނޫނާ އެއްގޮތަށް ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި މުއްތަލިބު ކޮށްފައިވާ ދައުވާގެ މިއަދުގެ ޝަރީއަތުގައި ގާޒީ މިހެން ވިދާޅުވީ އައްޑޫ ސިޓީ އިންތިހާބުގެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ މައްސަލަ ބާތިލްކޮށް ދިނުމަށް އިލެކްޝަންޝްގެ ވަކީލު މުހައްމަދު އިބްރާހީމް ވިދާޅުވުމުންނެވެ.
ދައުވާއަށް އިންކާރު ކުރައްވަމުން ވަކީލް ވިދާޅުވީ މުއްތަލިބު ކޮށްފައިވާ ދައުވާގައި ރައިސުލްޖުމްހޫރިއްޔާ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީން ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އެއީ އެ ކޮމިޝަނާ ގުޅޭ މައްސަލަތަކެއް ނޫން ކަމަށެވެ. އެހެން ކަމަށްވާ ނަމަ އެ ދައުވާކުރަން ޖެހޭނީ އެ ފަރާތްތަކާ ދެކޮޅަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދާއިރާތައް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތަކީ އެ ނިންމެވުމާ އެއްގޮތަށް އިންތިހާބު ބޭއްވުން ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނީ ހަޔާތަށް އަގުނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއްވެފައިވާ ކަމަށް މުއްތަލިބު ދައުވާގައި ބުނެފައިވާތީ އިލެކްޝަންސްގެ ވަކީލް އެ ކަމަށް އިންކާރު ކުރައްވާ ވިދާޅުވީ އެ ފަދަ ގެއްލުމެއް ލިބޭ ފަދަ އަމަލެއް އެ ކޮމިޝަނުން ކޮށްފައި ނުވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި މުއްތަލިބު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ލިޔުމުން ޖަވާބު ދެއްވާނެ ކަމަށާއި މައްސަލާގައި ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތް އޮޅުން ފިލުވުމަށް އޭނާ އެ ކޮމިޝަނަށް ސިޓީއެއް ފޮނުވުމުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އެހެންވެ އެކަން އޮޅުންފިލުވުމަށް ކޮމިޝަންގެ ފަސް މެމްބަރުން ކޯޓަށް ހާޒިރުކޮށް ދިނުމަށް މުއްތަލިބު އެދިވަޑައިގަތެވެ.
ރައްދުގައި އިލެކްޝަންސްގެ ވަކީލް ވިދާޅުވީ އެ ކޮމިޝަނަކީ ގާނޫނު އަސާސީގެ ދަށުން މިނިވަން މުސްތަގިއްލު އަދި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު އޮތް ކޮމިޝަނެއް ކަމަށާއި އެ ކޮމިޝަންގެ ފަރާތުން ޝަރީއަތުގައި ޖަވާބެއް ދޭން ޖެހޭ ނަމަ ދޭން ޖެހޭނީ ވަކީލް ކަމަށެވެ.
ގާޒީ ނައީމް އަޑު އެހުން ނިންމަވާލައްވަމުން ވިދާޅުވީ މި މައްސަލައަކީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންނާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި އެ ބޭފުޅުން ހާޒިރުކުރަން ޖެހިއްޖެ ނަމަ ހާޒިރުކުރައްވާނެ ކަމަށެވެ.
އައްޑޫ ސިޓީ އިންތިހާބު އިލެކްޝަން ކޮމިޝަނުން ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ކެންސަލްކުރުމަށް ފަހު ކުއްލި ގޮތަކަށް ބޭއްވީ ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.
އެ އަމުރުގައި ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން އެއްވެސް ދާއިރާއަކަށް ގާނޫނީ ގޮތުން ލިބިދީފައިވާ އެފަދަ ހައްގެއް ބޭނުންކުރުމަށްޓަކައި ކަނޑައެޅިފައިވާ ތާރީހުގައި އެ ހައްގެއް ބޭނުންނުކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވާ "ހައްގުތަކާއި މިނިވަންކަމުގައި ތަފާތު ނުކުރުމުގެ އުސޫލު" އާއި 20 ވަނަ މާއްދާގައި ބުނެފައިވާ "ހަމަހަމަކަމުގެ އުސޫލު" އާ އެއްގޮތް ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ނިންމުމެއްގެ ސަބަބުން ދިވެހި މުޖުތަމައުގެ ވަކި ބައެއްގެ މެދުގައި ހަމަނުޖެހުން އުފެދި، އެ ނިންމުމަކީ ވާދަވެރި ސިޔާސީ މާހައުލެއްގައި ދިވެހި މުޖުތަމައުގެ ވަކި ބައެއްގެ މެދުގައި ހަމަނުޖެހުން އުފެދި، ވާދަވެރި ސިޔާސީ މާހައުލެއްގައި ގައުމު ހަލަބޮލި ކަމަކާ ކުރިމަތިލާން ޖެހިދާނެ ނިންމުމެއް ކަމަށް ވެސް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ